ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ މީހަކަށް މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުކަން

ގދ. ތިނަދޫ ގެސްޓު ހައުސްއެއްގެ ތެރެއިން ކުޑަކުއްޖަކާ އެކު ހައްޔަރު ކުރި ގާނޫނީ ވަކީލު އަހުމަދު ޝާން.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ މީހަކަށް މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުކަން ދީފިއެވެ.

މި ސަރުކާރުގެ ކޮންސްޓްރަކްޝަން އެންޑް އިންފްރަރސްޓްރަކްޗަރގެ ނައިބަކަށް އައްޔަންކުރި އަހުމަދު ޝާން އަކީ މި ވަގުތު ވެސް އޭނާ އާއި ގުޅުން ހުރި ޖިންސީ ގޯނާގެ މައްސަލައެއް ކުރިއަށްދާ މީހެކެވެ.

ވ. މައީޝާ، އަހުމަދު ޝާންގެ މައްޗަށް ދެ ދައުވާ އެއް ވަނީ އުފުލާފައެވެ. އެގޮތުން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި، ޤާނޫނު ނަންބަރު: 12/2009 (ކުޑަކުންދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުން ހިމެނެއެވެ. އަދި ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 412 ވަނަ މައްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ހުއްދަނޫން ޖިންސީ މުޢާމަލާތް ހިންގުމުގެ ތުހުމަތު އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓަށް އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ 22 ނޮވެންބަރު 2017ގައެވެ.

މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ނިންމެވިއެވެ. އެ ނިންމެވުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ކްރިމިނަލް ކޯޓުގެ ނިންމުން ބާޠިލުކޮށް، މައްސަލަ އަލުން ބެއްލެވުމަށް ކްރިމިނަލް ކޯޓަށް ތަހުވީލުކުރުމަށް 8 ޖުލައި 2021 ދުވަހު ހައިކޯޓުން ވަނީ ނިންމަވާފައެވެ.

އެހެންކަމުން މި މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސް، މައްސަލަގައި ހެކިންގެ ގޮތުގައި ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް ނަގާ ނިމިފައިވަނީ 24 އޮކްޓޫބަރު 2022 ދުވަހުއެވެ. މި މައްސަލައިގައި ދެން އޮންނާނީ ހެއްކާބެހޭ ގޮތުން ވާހަކަދެއްކުމާއި ޚުލާޞާ ބަޔާން ހުށަހެޅުމެވެ. އެކަމަށްޓަކައި 16 އޮގަސްޓު 2023 އަޑުއެހުމެއް ތާވަލުކުރެވުނުނަމަވެސް ދިފާޢީ ވަކީލު އިތުރު ފުރުޞަތަކަށް އެދިފައިވާތީ އެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.