
ރާއްޖޭގެ ތާރީހުގައި މިހާތަނަށް ފެނުނު އެންމެ އަމާން އޮމާން ވެރިކަން ބަދަލު ކުރުމަށް ހަރަދު ކުރި ރާއްޖޭގެ ގިނަ ރިސޯޓު އޯނަރުންނަށް މިއަދު ރަނގަޅަށްވެސް މިއޮތީ ރާކަނި މަސް ކެވިފައެވެ.
ކޮވިޑުގެ ދަތި ހާލަތުގައި ގައުމު ނަގައި ކޮޅަށް ޖެހި އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމުން ދުރުކުރުމަށް އެންމެ ބޮޑު ހޭދައެއް ކުރި އެއްްބަޔަކީ ދިވެހި ރިސޯޓު އޯނަރުންނެވެ. އެމީހުން ހީކުރީ މުއިއްޒު ހޮވައިގެން މާމޮޅެއް ލިބިދާނެ ކަމަށެވެ. އެކަމަކު މިއަދު މިއޮތީ އެމީހުންގެ އަރުތެރޭގައި ރަނގަޅަށްވެސް ޒަހަރު ހިތި ރަހަލާފައެވެ.
ރާއްޖޭގެ އިގްތިސާދުގެ މައިބަދަ މިއަދު އެ ބިންދާލީ މުއިއްޒުއެވެ. ތަޖްރިބާއެއް އިލްމެއް ހިލްމެއް ނެތް މުއިއްޒު ގެންގުޅު ދެތިން ތުންފުހި މިވަނީ ގައުމުގެ ޓޫރިޒަމް ބޮޑު އަދަވަޅަކަށް ވައްޓާލާފައެވެ. އޭގެ ގެއްލުން އެންމެ ބޮޑަށް ލިބޭނީ އެއްކަލަ މުއިއްޒު ހޮވަން ހަރަދު ކުރި މަހުޖަނުންނަށެވެ. މިއަދު އެތިބީ ރަނގަޅަށްވެސް ހެދުނު ބިޑި އަމިއްލަ އަތުން ބޯށެވެ.
ރާއްޖޭގެ ޓޫރިޒަމް ބޯއިކޮޓް ކުރުމަށް އަވައްޓެރި އިންޑިއާގައި ގައުމީ ފެންވަރުގައި މިވަނީ ކެމްޕެއިން ފަށާފައެވެ. ރާއްޖެ އައުމަށް ހަދާފައިވާ އެތައް ހާސް ބުކިން ކެންސަލްކޮށްފިއެވެ. ރާއްޖެއަށް ފަތުރުވެރިން ގެންނަ ޓުއާ އޮޕަރޭޓަރުން ދެން އިންޑިއާ ޓޫރިސްޓުން ރާއްޖެ ނުގެންނާނެކަމަށް ފާޅުގައި ބުނެފިއެވެ. އެމީހުންނަށް ރާއްޖެ ނައިސް ޗުއްޓީ ހޭދަކުރެވެން އެބައޮތެވެ. އެކަމަކު އެއިން އެންމެ ފަތުރުވެރިއަކު ގެއްލުމަކީ މިއަދު ރާއްޖޭގެ އިގްތިސާދު އޮތް ގޮތުން ކެތްކުރެވޭނެ ކަމެއް ނޫނެވެ.
ފަންސާސް އަހަރުން އެތައް ބަޔަކުގެ ބުރަ މަސައްކަތުން ބިނާ ކުރި ޓޫރިޒަމް ފުޑާލަން މި ނެގީ އެންމެ ދުވަހެކެވެ. އާބާދީގައި 1.3 ބިލިއަން ރައްޔިތުން ތިބި އިންޑިއާ އަކީ މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މުހިއްމު ބައިވެރިއެކެވެ. ޔޫރަޕްގައި ކުރިއަށްދާ ހަނގުރާމަ އާއި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ހިޔަނި މިވަނީ ރާއްޖޭގެ ޓޫރިޒަމަށް އެޅިފައެވެ. އާ އަހަރު ފާހަގަ ކުރަމުން އަންނަ އިރު ރާއްޖޭގެ ގިނަ ރިސޯޓުތަކުގެ އޮކިއުޕެންސީ އޮތީ 50 ޕަސެންޓުގައެވެ. މިފަދަ ނާޒުކުކޮށް ޓޫރިޒަމް އޮތްވާ ސަރުކާރުން އަމިއްލަ އަށް ޓޫރިޒަމް ސެކްޓަރއަށް މިވަނީ އަމިއްލައަށް ބޮން އަޅާފައެވެ.
މިއަދު އެއްކަލަ ރިސޯޓު އޯނަރުން އެތިބީ އެމީހުންގެ ރިސޯޓު ވެބްސައިޓު ހެކު ކުރުމުން ވާނުވާގައެވެ. ކޮންމެ ދުވަހަކު އެތައް ބުކިންއެއް ކެންސަލް ވަނީއެވެ. ބަލަހައްޓައިގެން ހުއްޓާ ރިސޯޓު ފަޅުވަނީއެވެ.
ގަބޫލް ކުރަން ޖެހޭ ހަގީގަތަކީ އިންޑިއާ އާއި ޖެހިގަނެގެން ރާއްޖެއަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އިންޑިއާއިން ފެށި ރާއްޖެ ބޮއިކޮޓްކުރުން ޔޫރަޕާއި ހިސާބަށް ދިއުމަކީ ދުރުކަމެއް ނޫނެވެ. އޭރުން އަދި އިތުރަށް ރާކަނިމަސް ކެވޭނެއެވެ.