
ރާއްޖޭގެ ޓޫރިޒަމް އަނދަވަޅަކަށް ވައްޓާލުމަށް ފަހު މުއިއްޒު ކެބިނެޓްގެ ގިނަ ވަޒީރުން ހިމެނޭ ޓީމަކާއި އެކު ރޭ ޗައިނާއަށް ފުރައިފިއެވެ. ޗައިނާއަށް ފުރުމަށްޓަކައި ސިންގަޕޫރު އެއާލައިންސްގައި ހުންނަވައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާހިމް ހަލީލު ވަނީ އެ ދަތުރުގައި ބައިވެރިވާ ބައެއް މީހުން ދައްކާލާފައެވެ.
މަޖާ މޫޑެއްގައި ހަލީލު އެކްސްގައި ޕޯސްޓު ކުރި ވީޑިއޯއިން ފެންނަ ވަޒީރުން ތިއްބެވީ ރާއްޖޭގެ ޓޫރިޒަމް ފުޑާލެވުމުގެ ހިތްހަމަޖެހުމުގައެވެ. ޗައިނާއަށް ދާން ކަމަރު ބަދެގެން ތިބި އިރު ރާއްޖޭގެ އިންތިސާދީ މައިނާރު ބުރިވެގެން އެކަމާއި އިންޑަސްޓްރީގެ ވެރިންނާއި ދިވެހިން ތިބި އިރު އެމީހުންނަށް ދިޔައީ ދިވެހި ރައްޔިތުންނަށް ފުރައްސާރަ ކުރަމުންނެވެ.
ފޮރިން މިނިސްޓަރ މޫސާ ޒަމީރުވެސް ހުންނެވީ ވަރަށް އުފަލުންނެވެ. ބޮޑަށް ލަފާ ކުރެވެނީ މުއިއްޒު ބޭނުންވި ގޮތަށް މަލްޝާ އަދި ޝިއުނާ އިންޑިއާ ބޮޑުވަޒީރަށް ފުރައްސާރަ ކުރީތީއެވެ.
ރާއްޖޭގެ ޓޫރިޒަމް އަނދަވަޅަކަށް ވައްޓާލުމަށްފަހު ގައުމުގެ އެންމެ އިސްވެރިން ޗައިނާއަށް މިކުރައްވާ ދަތުރުން ދިވެހިންނަށް ލިބޭނީ ކޮން މޮޅެއްތޯ ދިވެހި ރައްޔިތުން އަންނަނީ ސުވާލު ކުރަމުންނެވެ. އަވައްޓެރި އިންޑިއާގެ ވެރިންނަށް ކުރި ފުރައްސާރައިގެ ސަބަބުން އެގައުމުގެ ރައްޔިތުން ދިވެހި ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވަމުންދާއިރު އެކަމާއި ގުޅިގެން ސަރުކާރުން ރަސްމީ ސިފައެއްގައި މައާފަށް އެދިފައި ނުވެއެވެ. އަދި އެކަން ކުށްވެރިކޮށް ނެރުނީ އާދައިގެ ބަޔާނެކެވެ. އެކަން ކުރި މީހުން އަދިވެސް ތިބީ ސަރުކާރުގައެވެ. ނަމަކަށް ސަސްޕެންޑު ކުރީއެވެ. ނަމަވެސް އެމީހުން ބުނާގޮތުން ސަސްޕެންޑުވެސް ނުކުރެއެވެ. މިވަރުގެ ބަޔަކު ދިވެހި ގައުމު އަމާން ކަމާއި އެކު ހިންގޭނެތޯ މިވަނީ ސުވާލު އުފެދިފައެވެ.