ގައުމު އަނދަވަޅަކަށް ވައްޓާލުމަށް ފަހު މިރޭ މުއިއްޒުގެ ދެކަނބަލުން ޗައިނާއަށް ފުރަނީ

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ބޮޑު ސިޔާސީ އަލިފާންގަޑެއް ރޯކުރުމަށް ފަހު މުއިއްޒުގެ ދެމަފިރިން މިރޭ ޗައިނާއަށް ފުރުމަށް ދަތުރުފަށައިފިއެވެ.

މުއިއްޒު ޗައިނާއަށް މިރޭ ފުރަނީ ޗައިނާގެ ރައީސްގެ ހާއްސަ ދައުވަތަކަށެވެ. 

މުއިއްޒު މިރޭ ދިވެހި ގައުމު ދޫކޮށް ފުރަނީ ޔޫތު މިނިސްޓްރީގެ ދެ ނައިބް ވަޒީރުން ކަމަށްވާ މަލްޝާ ޝަރީފު އާއި މަރިޔަމް ޝިއުނާ ލައްވާ އަވައްޓެރި އިންޑިއާ އާއި ދިވެހި ރާއްޖެ ޖެއްސުމަށްފަހުއެވެ. މިއީ ޗައިނާ އަޑީގައި އޮވެ ކުރުވި ކަމެއްކަމަށް މިހާރު މިވަނީ ބެލެވެން ފަށާފައެވެ.

މުއިއްޒު މިވަގުތު ޗައިނާ ދަތުރު ކުރަނީވެސް އިންޑިއާ އިތުރަށް ރުޅިއެރުވުމަށެވެ. އަދި މީގެ ސަބަބުން ދިވެހި ގައުމަށް ލިބޭނެ ގެއްލުމަކަށް މުއިއްޒު ބަލާކަށް ބޭނުމެއް ނޫނެވެ.

ޝިއުނާ އަދި މަލްޝާ ލައްވާ މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ހަޑިހުތުރު އެއްޗެހި ކިޔުއްވާފައިވާ އިރު އެގައުމުގެ ރައްޔިތުންދަނީ ރާއްޖެ ބޮއިކޮޓް ކުރުމަށް ބޮޑު ކެމްޕެއިނެއް ފަށާފައެވެ. އޭގެ ސަބަބުން 10800 އަށް ވުރެ ގިނަ ބުކިން މިއަދު އެކަނިވެސް ވަނީ ކެންސަލްކޮށްފައެވެ.

ރާއްޖޭގެ އިގްތިސާދު ވަރަށް ނާޒުކުކޮށް އޮތްވާ މުއިއްޒު މިހާރު އަމަލު ކުރައްވަމުން ގެންދަވާ ގޮތުން ރާއްޖެ ބަނގުރޫޓުވެ އަވައްޓެރި ލަންކާއަށް ވުރެ ދަށަށް ވެއްޓިދާނެކަމުގެ ކޮޅުމަތި މިހާރު ވަނީ ފެންނަން ފަށާފައެވެ. ޓޫރިޒަމްގެ އާްމްދަނީއަށް ބަރޯސާވެގެން އޮތް ރާއްޖޭގެ ފަތުރުވެރިކަމަށް މިހާރު މިދަނީ ނުރައްކަލުގެ ރަނގަބީލުގެ އަޑުގަދަވަމުންނެވެ. ނަމަވެސް މުއިއްޒު ބޭނުންވަނީ ސިޔާސީ ދެ ބާރުގެ މެދަށް ދިވެހިން ފިއްތާލުމަށެވެ. މިއީ މިއަދު ދިވެހި ކޮންމެ ދަރިއަކު ވިސްނައި މުއިއްޒު ރައީސު ކަމުން ބާލަން މަގުތަކަށް ނިކުންނަންވީ ވަގުތެވެ.