ވަކި އެންމެ މީހެއްވެސް ނޫނެވެ. އެބާވަތުގެ އެތައް ބަޔަކު ލައްވާ ދޮގާ ފިތުނައާ މަކަރާ ހީލަތުން ވެރިކަމަށް އެރުމަށް ފަހު ދައުލަތުގެ މަގާމުތަކުން އެ މީހުންނަށް އަގުދިނީމާ ވާާގޮތް އެބަފެނެއެވެ. އަރުވާ ޖަހައިގެން ޒުވާބު ކުރަން ކެރުމަކީ ނައިބު ވަޒީރުކަން ދޭވަރު ކަމެއް ނޫންކަން ރައީސް މުއިއްޒަށް ރޭކާނުލިޔަސް ދެރަކަންކަން މިހިރަގެން ވަމުންދަނީ އަމަށަކު ވަރަކަށް ނޫނެވެ.
ކޮންމެ މީހަކު ނޫސްވެރިޔަކަށް ނުވަތަ ސިޔާސީ މުދައްބިރަކަށް ވުމަކީ ގައުމަށް ކިހާވަރެއްގެ ބިރެއްކަން އެނގޭނީ އެކަމެއް ލައިގަތީމައެވެ.
އިއްޔެ މެންދުރު ތެޔޮ ދަމަން އުޅެފައި މިއަދު މަޖިލިސް މެމްބަރަކަށް ވަނީ ރައްޔިތުން ވޯޓް ދިނީމައެވެ. ބަރަހަނާ ހާލުގައި ބެލްކަނިން މަގުމައްޗަށް ވެއްޓި ލޮންދައިގެން ގޮސް ބިމުގައި ބޯޖެހޭނީ މީހާގެ އުޅުމާއި އަޚުލާގުގައި ފިސާރި ގޮތްގަނޑެއް ހުރީމައެވެ. އެފަދަ މީހެއްގެ ބޯ ބާރަށް ޖެހުމަކީ ކުޑަ ގެއްލުމެއް ނޫންކަން ދިރިތިބި ބަޔަކަށް ފެންނާނެއެވެ.
ޕްރޮފައިލްގައި ޝަހާދަތުގެ ދެކަލިމަ ލިޔެ ކަޅު ހެދުން ލައިގެން އުޅޭ މީހާގެ ބަހުރުވަ ހުރީ ބުރުގާ އަޅަން ޖެހިފައެވެ. ލޭ އޮހޮރުމަށް ގޮވާލައިގެން އެކްސްއިން އޭނާ އުމުރަށް ސަސްޕެންޑް ކުރީމާ އަނެއްކާ އެހެން އެކައުންޓެއް ހަދައިގެން ވެސް ކުރަނީ އެއް ކަމެކެވެ.
ގައުމާ ވަތަނާ ރައީސް ޔާމީނު ދެކެ ލޯބިން ކަމަށް ދެފައިގާތް ނުވެ އުޅުނު މީހުން އެ މަނިކުފާނަށް ހަރާންކޯރުވެ މުއިއްޒުގެ ތޮއްވަރިން މަގާމު ހޯދައިގެން އުޅެގަތް ގޮތުން އޭގެ ދެރައާ ހުތުރު ނަން ލިބެނީ ހުރިހާ ދިވެހިންނަށެވެ.
ސަސްޕެންޑް ކުރިޔަސް ވީގެއްލުން ވެއްޖެއެވެ. ހިތްކަޅުވެ މިތުރުކަން ކެނޑިއްޖެއެވެ. އިންޑިއާ އާއި އެގައުމުގެ ވެރިންނާ ދިމާ އާ ލާހެއްދެވިހާ އެއްޗެއް ގޮވާތާ ކިތަންމެ ދުވަހެކެވެ. އެންމެ އަވަށްޓެރި އެންމެ އެހީތެރި ދުނިޔޭގެ ބޮޑު ބާރެއްގެ ގޮތުގައި އޮތް އިންޑިއާ އާއި ވިއްދައިގަތްއިރު ހީވަނީ މިއީ ދުނިޔޭގައި އޮތް އެންމެ ގަދަ ސަރުކާރު ހެންނެވެ.
ފަތުރުވެރި ކަމަށް ބަރޯސާ ވެގެން ދިރިއުޅޭ އިރު އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ވެސް އިންޑިއާއެވެ.
ކުންފުނި ތަކާއި މިނިސްޓްރީ ތަކުން ލިބުނު މަގާމު ތަކަށް އަރާ ކާޅު ބައެއްހެން އިންޑިއާއަށް ކުޑައިމީސް ކުރަންފެށި މުއިއްޒު ސަރުކާރަށް ފޫނާއްޓެއްގެ ލޮލުން ދުނިޔެ ފެންނަ ގޮތް ބަލަން ތިބޭށެވެ.
މިހިރަ ކަންކަމާ ހުރެ އެތަކެއް މިލިއަނުން ފޮލޯވަރުން ތިބި ބޮލީވުޑްގެ ފަންނާނުން ބުނީމާ ހާހުން އެހެރަ ދަނީ ބުކިންތައް ކެންސަލް ކުރަމުންނެވެ.
ވެރިކަމަށް ގެންނަން ލާރި އޮއްސާފައި އެޑްވައިޒަރުކަން ނަގައިގެން ތިބި ފަތުރުވެރިކަމުގެ ވިޔަފާރިވެރިންނާއި ރިސޯރޓް އޯނަރުން ލަދުގެން ބަލާށެވެ. ރަނގަޅަށް ވެސް ތިޔަ ތިބެވުނީ މޮޔައެއްގެ އަތަށް ކަނޑިއެއް ދީގެންނޭ ވިސްނޭނީ ކިހާ ދުވަހަކުން ހެއްޔެވެ؟ އާޒިމާ މޭޔަރަކަށް ހޮވަން ވެސް ކަލޭމެން ނުކުންނަން ވާނެއެވެ.