
އަވަށްޓެރި އިންޑިއާއާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްވާގޮތަށް މުއިއްޒުގެ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް ސޯޝަލް މީޑިއާގައި ކޮށްފައިވާ ބައެއް ޕޯސްޓުތަކާ ގުޅިގެން، އިންޑިއާގެ އާއްމުން ދިވެހި ރާއްޖެ އާއި ދެކޮޅަށް ފެށި ބޮއިކޮޓް ހަރަކާތުގައި މިއަދު އެކަނިވެސް 10800 ބުކިން ކެންސަލްކޮށްފައިވާ ކަމަށް ރާއްޖޭގެ ޓޫރިސްޓުން އެތެރެ ކުރާ އެޖެންސީ ތަކުން ބުނެފިއެވެ.
ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާއާއި އަބްދުﷲ މަހްޒޫމް މާޖިދު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަރަށް ހުތުރުކޮށް މުހާތަބުކޮށް ފުރައްސާރަކޮށްފައެވެ. އެކަމާއި ގުޅިގެން އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ތަރިން ވަނީ ރާއްޖެ ނައުމަށް ކެމްޕެއިން ފަށާފައެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން މިހާތަނަށް 4800 ޓިކެޓުވެސް ވަނީ ކެންސަލްކޮށްފައެވެ. އަދި ގައުމީ ފެންވަރެއްގައި ރާއްޖެ ބޮއިކޮޓް ކުރުމަށް ދަނީ ގޮވާލަމުންނެވެ. މިކަމާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ އިސްވެރިން އަންނަނީ ޑރ. މުއިއްޒުއަށް ފާޑުކިޔަމުންނެވެ. އެކަމާއި ގުޅިގެން އެތިން ނައިބް ވަޒީރުން ވަނީ ނަމަކަށް ސަސްޕެންޑުކޮށްފައެވެ.
އިންޑިއާގެ ގިނަ އަދަދެއްގެ ފަތުރުވެރިންގެ ބުކިން ކެންސަލް ކުރަމުން އަންނަ އިރު މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް މީގެ ސަބަބުން ބޮޑު އަސަރެއް ކުރާނެއެވެ. މިދިޔަ އަހަރު އިންޑިއާއިން ރާއްޖެއަށް 200000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.