މުއިއްޒުއަށް ޕްރެޝަރު ބޮޑުވެ ޝިއުނާ އަދި މަލްޝާ ނަމަކަށް ސަސްޕެންޑުކޮށްފި

އަވަށްޓެރި އިންޑިއާއާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްވާގޮތަށް ޑެޕިއުޓީ މިނިސްޓަރުންތަކެއް މީސްމީޑިއާގައި ކޮށްފައިވާ ބައެއް ޕޯސްޓުތަކާ ގުޅިގެން، އެ ބޭފުޅުން މިއަދު ސަސްޕެންޑުކޮށްފިއެވެ.

އިންޑިއާއިން، އެ ގައުމުގެ ލަކްޝަދުވީޕްގެ ފަތުރުވެރިކަން ޕްރޮމޯޓުކުރަން ފެށުމާ އެކު، މީސްމީޑިއާގައި ބައެއް ދިވެހީންނާއި އިންޑިއާ މީހުން އަންނަނީ އަރައިރުންވަމުންނެވެ.

އޭގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ މޯދީއަށް ފުރައްސާރަކޮށް އެކްސްގައި ވާހަކަދައްކަވާފައެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ސަސްޕެންޑުކޮށްފައި ވަނީ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާއާއި އަބްދުﷲ މަހްޒޫމް މާޖިދެވެ.

އެ މުވައްޒަފުން ސަސްޕެންޑުކޮށްފައި ވަނީ، އެ ބޭފުޅުން އިންޑިއާއާއި މޯދީއާ ގުޅޭ ގޮތުން ދެއްކެވި ވާހަކައާ ގުޅިގެން، އެ ބޭފުޅުން މަގާމުން ވަކިކުރުމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ގޮވާލަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެ މައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވަނީ، ސަރުކާރުގެ ބައެއް އޮފިޝަލުން މީސްމީޑިއާގައި އިންޑިއާއާ ގުޅޭ ގޮތުން ހާމަކޮށްފައި ވަނީ ސަރުކާރުގެ ރަސްމީ ސިޔާސަތެއް ނޫން ކަމަށެވެ. އަދި، އެއީ އެ ބޭބޭފުޅުންގެ އަމިއްލަ ހިޔާލާއި ވިސްނުންފުޅު ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ބައެއް ދިވެހިން އިންޑިއާއާ ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތަކާ މެދު އިންޑިއާގެ ރައްޔިތުން ވެސް ނުރުހުން ފާޅުކުރަމުން އަންނައިރު އޭގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ވެސް ހިމެނެއެވެ. އެގޮތުން ދިވެހި ސަރުކާރުގެ ބައެއް އިސްވެރިން އިންޑިއާއާ މެދު ނަފުރަތު އުފައްދައި، ފުރައްސާރައިގެ ބަސްތައް ރައްދުކުރާ ކަމަށް ބުނެ، ރާއްޖެއަށް މީހުން ނުދިޔުމަށް މަޝްހޫރު ފިލްމީ ތަރި އަކްޝޭ ކުމާރުވެސް ވަނީ ގޮވާލައިފައެވެ.