ޓެކްސްއަށް މަކަރު ހަދައިގެން ބެންކޮކްގެ ޖަލަށްލީ މީހަކަށް ފިނޭންސް މިނިސްޓްރީގެ ނައިބްކަން ދީފި

ޓެކްސްއަށް މަކަރު ހެދިކަން ފަޅާއަރައި ތައިލޭންޑްގެ ވެރިރަށް ބޭންކޮކްގެ ޖަލަށްލުމަށް ފަހު އެ ގައުމުން ޑީޕޯޓްކޮށް ް ފޮނުވާލި މީހަކަށް ފިނޭންސް މިނިސްޓަރުގެ ނައިބުކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ފިނޭންސް މިނިސްޓަރުގެ ނައިބު ކަމަށް އައްޔަންކޮށްފައި ވަނީ ގދ. ތިނަދުއަށް ނިސްބަތްވާ އަތުހަރު އިބްރާހީމް ރަޝީދެވެ.

އަތުހަރާއި ވިޔަފާރިވެރިޔާ މިސްރާބު ޒާހިރުގެ ދަރިފުޅު ވަނީ ބެންކޮކްގެ ޖަލަށްލައިފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ ދެ މީހުން ޖަލަށްލީ ޓެކުހަށް މަކަރު ހެދި ކަމުގެ ތުހުމަތުގަ އެވެ.

އެ ދެ މީހުން ތައިލޭންޑުން ގެއެއްވެސް ގަނެފައިވެއެވެ. ޖަލަށްލުމަށްފަހު ބޭންކޮކުން ވަނީ މެލޭޝިޔާއަށް އެ ދެ މީހުން ޑީޕޯޓްކޮށްލާފައެވެ.

އަތުހަރަށް ޑެޕިއުޓީ މިނިސްޓަރުކަންދިންކަން ފިނޭންސް މިނިސްޓްރީން ވަނީ ޓްވީޓްކޮށްފައެވެ. ނަމަވެސް އޭނާއަށް އެ މަގާމުދިންކަން ރައީސް އޮފީހުން ވަނީ ސިއްރުކޮށްފައެވެ. 

މިހާތަނަށް ރައީސް އޮފީހުން އަމަލުކުރަމުން އައި އުސޫލަކީ ޑެޕިއުޓީ މިނިސްޓަރާއި ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމަކަށް ބޭފުޅަކު އައްޔަންކޮށްފިނަމަ، އެކަން ޚަބަރެއްގެ ގޮތުގައި ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއު ކުރުމެވެ. 

ނަމަވެސް ހުރިހާ ކަމެއް ވެސް ހާމަކުރައްވާނެ ކަމަށް ވިދާޅުވެ، ވެރިކަމަށް ވަޑައިގެންނެވި މުއިއްޒުގެ ސަރުކާރުން މިހާރު އެފަދައިން އަމަލު ނުކުރެއެވެ. އެއީ މަގާމްތަކަށް މީހުން އައްޔަން ކުރާ ވާހަކަ ގިނައިން ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރާފާނެތީއެވެ. ކެމްޕޭން ތެރޭގައި ސިޔާސީ މަގާމްތައް ގިނަ ނުކުރައްވާނެ ކަމަށް ވިދާޅުވެ ހެއްދެވީ އިތުރުފުޅެއްކަން ރައްޔިތުންނަށް ހާމަވެދާނެތީއެވެ.

މަގާމްތަކަށް އައްޔަން ކުރައްވާނީ ގާބިލް ނަޒާހަތްތެރިން ކަމަށް މުއިއްޒު ވިދާޅުވެފައި ވިޔަސް އަތުހަރަށް މަގާމު ދިން ދިނުމަށް ބެލިޔަސް މުއިއްޒުގެ ބަހާއި އަމަލު ދިމާނުވާކަން ސާފުކޮށް އެނގެއެވެ.