
ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޑރ. މުއިއްޒުގެ ރަނިންމޭޓު ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) ލަންކާގައި "ބޮސް" އާއި ބައްދަލުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި ލަންކާގައި ސެމްބެ ބައްދަލުކޮށްފައިވަނީ އެ ގައުމުގެ ކުރީގެ ފިނޭންސް މިނިސްޓަރ ރަވީ ކަރުނަނަޔަކެ އާއި އެދެމީހުންގެ "ބޮސް" ޕާކިސްތާންގެ ޑްރަގް ޑީލާރއާއިއެވެ.
ލަންކާގައި ތިބި ދިވެހިންނާއި ބައްދަލު ކުރެއްވުމަށްފަހު ސެމްބެ ވަނީ މި ދެމީހުންނާއި އެކު ބައްދަލުވުމެއް ބާއްވާފައެވެ. އެނގިފައިވާ ގޮތުގައި މި ދެމީހުންނަކީ ސެމްބެ އާއި ވިޔަފާރީގެ ގޮތުން ގުޅުން އޮންނަ ދެމީހުންނެވެ. އޭގެ ތެރޭގައި ހިމެނޭ ޕާކިސްތާނު "ބޮސް" އަކީ ރާއްޖެ އާއި ލަންކާއަށް އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި ފޮނުވާ ފަރާތެވެ. އޭނާއަށް ލަންކާއިން ފާރަލަމުން އަންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި މިއީ މިފާއިތުވި ތިން އަހަރު ތެރޭ އޭނާ ލަންކާއަށް އެތެރެވި ފުރަތަމަ ފަހަރު ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ސެމްބެގެ މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި ރަވީ އަކީ ސެމްބެ އާއި އެކު ގިނަ ވިޔަފާރި ކުރަމުން އަންނަ މީހެކެވެ. އެގޮތުން އައިޖީއެމްއެޗްގެ އާއިމާރާތަށް ބޭނުންވާ މެޝިނަރީ ހޯދުމަށް ރައީސް ޔާމީންގެ ވެރިކަމުގައި ހަމަޖެެއްސި 80 މިލިއަން ޑޮލަރުގެ ހުރިހާ ފައިސާއެއް ސެމްބެ ކުންފުނިން ޖަމާކޮށްފައިވަނީ ރަވީ އާއި ގުޅުން ހުރި ވިޔަފާރިއަކަށެވެ.
ލަންކާގެ ކަމާއި ބެހޭ އިދާރާތަކުން ރަވީ އާއި ގުޅޭ ގިނަ މައްސަލަތައް ތަހްގީގު ކުރަމުން އަންނަ އިރު އޭނާ ވަނީ މީގެ ކުރިން ހައްޔަރުވެސް ކޮށްފައެވެ.
މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރާ ގޭންގު ތަކާއި ގާތްގުޅުމެއް އޮންނަ ސެމްބެ ރާއްޖެއިން ބޭރަށް ދަތުރު ކުރާއިރު ގޭންގުތަކުގެ އިސް ފަރާތްތައް ސެމްބެ އާއި އެކު ބައިވެރިވެއެވެ. އެގޮތުން ލަންކާއަށް ސެމްބެ ކުރި ދަތުރުގައިވެސް ގޭންގު އިސް ފަރާތްތަކުން ބައިވެރިވެފައިވެއެވެ.