ގާސިމް އާއި ޑީލް ހަދައި ނަހުލާއަށް ހުޅުމާލެ ދެކުނު ދާއިރާގެ ޕީއެންސީ ޓިކެޓު ދެނީ

ރައީސް ޑރ. މުއިއްޒުގެ ވެރިކަން ދިފާއު ކުރުމަށް ގާސިމް އިބްރާހިމް އާއި އެކު ޑީލް ހަދައި ހުޅުމާލެ ދެކުނު ދާއިރާގެ ޕީއެންސީ ޓިކެޓު ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރ ގާސިމްގެ އަބިކަބަލުން ނަހުލާ ދިނުމަށް ނިންމައިފިއެވެ.

ޕީއެންސީގެ އޮފިޝަލަކު ވިދާޅުވީ ގާސިމް އާއި ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި ވެރިކަން ދެމެހެއްޓުމަށް ގާސިމްގެ އެހީއަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުންވެސް މަޖްލިސް އިންތިހާބަށް ގާސިމް ހަރަދު ކުރާ ގޮތަށް ހުޅުމާލެ ދެކުނު ދާއިރާގެ ޓިކެޓު ނަހުލާއަށް ދިނުމަށް ރައީސް މުއިއްޒު ވަނީ ނިންމާފައެވެ.

އެނގިފައިވާ ގޮތުގައި މަޖްލިސް އިންތިހާބަށް ގާސިމް ވަނީ 50 މިލިއަން ހަރަދު ކުރުމަށް އެއްބަސްވެފައެވެ. އަދި ގާސިމް ބޭނުން މީހުންނަށް ސަރުކާރުން ވަޒީފާ ދިނުމަށްވެސް މުއިއްޒު ވަނީ އެއްބަސްވެފައެވެ.

މުއިއްޒު ވަނީ މަޖްލިސް ތެރެއިން އެމަނިކުފާން އަޒަލު ނުކުރެވޭގޮތަށް ހެދުމަށް ގާސިމްގެ ކިބައިން އެދިފައެވެ. އަދި އެމްޑީޕީ މެމްބަރުންނާއި ޑިމޮކްރަޓްސްގެ މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން ޕީއެންސީއަށް ގެނެވޭތޯ އެހީތެރިވުމަށްވެސް ވަނީ އެދިފައެވެ.