
ހައުސިން މިނިސްޓަރކަމުގައި 7 އަހަރު އަދި މާލޭގެ މޭޔަރު ކަމުގައި 3 އަހަރު ހުންނެވި ރައީސް މުހައްމަދު މުއިއްޒު މާލޭގައި ފެންބޮޑުވެ އެތައް ގެޔަކަށް ގެއްލުން ލިބުނު މަންޒަރު ބެލުމަށް ނިކުންނެވި އިރު ތުރުކުރައްވައިގެން ހުންނެވި ކޯޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގެ އެެތައް ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި މަންޒަރު ބެލުމަށް މުއިއްޒުގެ ޓީމުން ވަނީނ ވަރަށް ވަރުގަދަ ޕީއާރު ސްޓަންޓުތަކެއް ޖައްސާފައެވެ. އެގޮތުން 670 ޑޮލަރުގެ އަގުބޮޑު ނައިކީ އޭސީޖީ ސިސްޓަމް ބްލޭޒަރ ތުރުކުރައްވައިގެން ވަނީ ގިނަ ފޮޓޯތަކެއް ނަގާފައެވެ.
މުއިއްޒު ކެމެރާމަނުން ގޮވައިގެން މާލޭގެ މަގުތަކުގައި އެކްޝަން ޖެއްސިއިރު ހައުސިން މިނިސްޓަރ ކަމުގައި 7 އަހަރު ހުންނަވައިގެން މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދެވިފައި ނުވެއެވެ. އަދި މާލޭގެ މޭޔަރ ކަމުގައި މުއިއްޒު ވަނީ 3 އަހަރު ހޭދަކޮށްފައެވެ.
ސިވިލް އިންޖިނިއަރިން ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ހުންނެވި މުއިއްޒު މާލޭގައި ފެންބޮޑުވެ އާއްމު ރައްޔިތުންނަށް ގެއްލުން ލިބި އެތައް އިރެއްވި ފަހުން ބައެއް މީހުން ފާޑު ކިޔަން ފެށުމުން ރައްޔިތުން ކުރިމައްޗަށް ފިލްމު ކުޅެން ނިކުތް ގޮތާއި މެދުވެސް ވަނީ ފާޑު ކިއުން އަމާޒުވެފައެވެ.
މާޒީއަށް ބަލާއިރު މުއިއްޒު ކަމެއް ރަނގަޅުކުރުމަށް ކުރައްވާ ކަމެއް ދެތިން ފަހަރު ނުކޮށް ރަނގަޅެއް ނުވެއެވެ. އެހެންވެ މިހާރު މީހުން ކަމެއް ގޯސްވެއްޖެނަމަ މަޖާޒީ ގޮތުން ބޭނުން ކުރަނީ މުއިއްޒުވުމެވެ.