
ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބު އެ މަގާމުން ދުރުކޮށް އޭނާއަށް ފޮރިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަން ބަދަލު ކުރަން ނިންމައިފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ތަރުޖަމާނުގެ މަގާމުން ޝަހީބު ވަކިކޮށް، އޭނާ ފޮރިން މިނިސްޓްރީއަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ”އަދަދު“ އަށް ކަށަވަރުކޮށްދެއްވި އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ މައުލޫމާތު ހުންނަ ޕޭޖުގައި ވެސް މިހާރު ބުނެފައި ވަނީ ޝަހީބަކީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ކަމަށެވެ.
، ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ޝަހީބު، ސަރުކާރުގެ ތަރުޖަމާނުގެ މަގާމަށް އައްޔަން ކުރުމުން ނޫސްވެރިންގެ ފަރާތުން ފާޑުކިޔުން އަމާޒުވެފައިވެ އެވެ. ޝަހީބު އަކީ މީގެ ކުރިން ޔާމީން ސަރުކާރުގައި، ނޫސްތައް ބަންދުކޮށް، އެތައް ނޫސްވެރިންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ލިބުނު އަނިޔާގެ ބައިވެރިއެކެވެ. އަދި އޭނާ ނޫސްވެރިންގެ ބައްދަލުވުންތައް މިފަހުން ކުރިއަށް ގެންދިޔަ ގޮތާމެދު ވެސް ބައެއް ނޫސްވެރިން ފާޑުކިޔެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޫސްތަކާއި ޓީވީ ޗެނަލްތައް ޖޫރިމަނާ ކުރި މައްސަލައިގައި ވެސް އެއިރު ޝަހީބަށް ފާޑުކިޔުން އަމާޒުވި އެވެ.
މީގެ ފަސް އަހަރު ކުރިން 2019 ގައި ކޮމިޝަނުގެ މެންބަރު ކަމުން ޝަހީބު އިސްތިއުފާ ދެއްވީ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ނިންމާފައި އޮއްވަ އެވެ.