އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓު ކުރާ ޖަނާގެ ދަރި ނުރައިން ޖަނާހު އެމްއެމްޕީއާރުސީގެ ޗެއާޕާސަން މަގާމަށް

ފާޅުގައި އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓު ކުރާ ރައީސް ޑރ. މުއިއްޒުގެ އިންވެސްޓްމަންޓު އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހުގެ ދަރި އައިޝާ ނުރައިން ޖަނާހުއަށް ޓޫރިޒަމް ޕްރޮމޯޓު ކުރާ އެމްއެމްޕީއާރުސީގެ ޗެއާމަނަކަށް ޑރ. މުއިއްޒު ހަމަޖައްސަވައިފިއެވެ.

ނިއުޒިލޭންޑުގައި ދިރިއުޅެމުންދާ ނުރައިން ޖަނާހު އަކީ އިޖްތިމާއީ މިންގަޑާއި ހިލާފަށް ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ފޮޓޯ ޕޯސްޓު ކުރަމުން އަންނަ ފަރާތެކެވެ. މީގެ އިތުރުން ނުރައިން އަކީ އެލްޖީބީޓީ ޕްރޮމޯޓު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މީހެކެވެ.

ދީނީ ޝެއިހުންގެ ތާއިދާއި އެކު ރާއްޖޭގެ ރައީސްކަމަށް ވަޑައިގެންނެވި ޑރ. މުއިއްޒުގެ ސަރުކާރުން އެލްޖީބީޓީ ޕްރޮމޯޓު ކުރާ ނުރައިން އެމްއެމްޕީއާރުސީގެ ޗެއާމަން މަގާމު ހަމަޖެއްސިއިރު މިހާރު މުއިއްޒުއަށް ތާއިދު ކުރި ދީނީ އިލްމުވެރިން މިކަމާއި އެއްވެސް ވާހަކައެއް ނުދައްކައެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް ލާދީނީ ސަރުކާރުގެ ޓެގް ދީނީ އިލްމުވެރިން އެޅުވިއިރު މުއިއްޒުގެ ސަރުކާރުގެ މަތީ މަގާމުތަކަށް އައްޔަން ކުރަމުން އަންނަނީ ކަސްބީ އަންހެނުންނާއި އަމިއްލަ އަށް ބަރަހާނާވެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ފަރާތްތަކެވެ. މީގެ އިތުރުންވެސް އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރާ މީހުންނަށް މުއިއްޒުގެ ސަރުކާރުގެ އިސްމަގާމުތައް ވަީނީ ލިބިފައެވެ.