އައްޑޫން ގެއްލުނު ނާއިޝް ހޯދުމުގައި ހެލިކެޕްޓަރ އަދި ޑޯނިޔާ ބޭނުން ނުކުރުމަކީ ސަރުކާރުގެ ބޮޑު އިހްމާލެއް!

ސ. ގަމާއި ދިމާލަށް އިހި ނަގަން ފޭބި 18 އަހަރުގެ މުހައްމަދު ނައީޝް ހޯދުމުގެ އޮޕަރޭޝަން ސަރުކާރުން ސިޔާސީ ކޮށް ނާއިޝް ފެނުމުގެ ފުރުސަތު މިވަނީ ކުޑަވެފައެވެ.

ނާއިޝް އާއި އިތުރު ރައްޓެހިންތަކެއް އިހި ނަގަން ފޭބީ ސ. ގަމުގެ އެއާޕޯޓު ސަރަހައްދަށެވެ. އެސަރަހަދުން އޭނާ އޮޔާއި ދަމައިގަނެގެން ދިއުމާއި ގުޅިގެން އޭނާ އާއިއެކު ދިޔަ މީހުން ވަނީ އެއްްގަމަށް އަރައި އެކަން ފުލުހުން އަދި އެމްއެންޑީއެފްއަށް ހުށަހަޅާފައެވެ.

ހާދިސާ ހިނގި ސަރަހައްދާއި 1 ކިލޯ މީޓަރ ދުރުގައި ގަމުގެ އެއާޕޯޓުގައި ގެއްލޭ މީހުންނާއި ބަލި މީހުން އުފުލުމަށް ދިވެހި ރާއްޖެއާއި އަވައްޓެރި އިންޑިއާ އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އޮންނަ ހެލިކެޕްޓަރ އޮތެވެ. ހާދިސާ ހިނގުމާއި އެކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހެލިކެޕްޓަރ އަށް ނާއިޝް ހޯދުމުގެ މަސައްކަތަށް ނިކުމެން އޮތް ނަމަވެސް އެކަމުގެ ހުރަހަކަށްވީ ރައީސް ޑރ. މުއިއްޒު ގެންގުޅޭ އިންޑިއާ އައުޓު ސިޔާސަތެވެ. ދިވެއްސެއްގެ ފުރާނައަށްވުރެ މުއިއްޒުގެ ސަރުކާރަށް ބޮޑުވީ އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓާއި ހެލިކެޕްޓަރ ބޭނުން ނުކޮށް ހެޑްލައިން ހެދުމަށެވެ.

ނާއިޝް ގެއްލުނުތާ އެތައް އިރެއ ފަހުން ސަރުކާރުން މޮޅު ވާހަކައަކަށް ފެތުރީ ފުރަތަމަ ފަހަރަށް އިންޑިއާގެ އެހީ ނެތި މީހަކު ހޯދުމުގެ މަސައްކަތް ފެށި ވާހަކައެވެ. މިއީ ކޮން މޮޅު ވާހަކައެއް ހެއްޔެވެ?

ގަމުގައި މޯލްޑުވިއަންއިން ހިންގަމުން އަންނަ ޕްލައިން ސްކޫލްގެ ޓްރައިނިންއަށް ބޭނުންކުރާ ސެސްނާ ކުޑަ ބޯޓެއްގައި ވައިގެ މަގުން ނާއިޝް ހޯދުމުގެ މަސައްކަތް ކުރަމުން އައިއިރު ސަރުކާރުގެ ވެރިން އައީ އެވާހަކަ މޮޅު ވާހަކައެއްގެ ގޮތުގައި ދައްކަމުންނެވެ.

މިއީ ދިވެހި ދަރިއަކާއި މެދު މުއިއްޒުގެ ސަރުކާރުންވީ ބޮޑު އިހްމާލެކެވެ. ނާއިޝް ހޯދުމުގައި ސެސްނާ ބޯޓުގެ ބަދަލުގައި ޑްރޯން ބޭނުން ކުރިނަމަވެސް އެކަންވެސް މާ ކާމިޔާބުވީހެވެ.

ގަބޫލް ކުރަން ޖެހޭ ހަގީގަތަކީ އިންޑިއާ އާއި މެދު ކިތަންމެ ނަފްރަތެއް އޮތް ނަމަވެސް އިންޑިއާގެ ހެލިކެޕްޓަރ އަދި ޑޯނިޔާ ސަވައިލެންސް މަތިންދާ ބޯޓަކީ ސާޗް އެންޑު ރެސްކިއުއަށް ހާއްސަކޮށް ވަސީލަތްތައް ގާއިމް ކުރެވިފައިވާ އުޅަނދުތަކެވެ. އޭގެ ރާޑަރުތަކާއި ބޯޓު ދުއްވާ ފަރާތްތަކަކީ އެކަމަށް ތަމްރީނު ލިބިފައިވާ މީހުންނެވެ. ފްލައިން ސްކޫލްގެ ޓްރެއިނިން ޕައިލެޓާއި ޓްރައިނިން ފްލައިޓަކީ ޕައިލެޓު ޓްރެއިނިން އަށް ހާއްސަ ކުރެވިފައިވާ އުޅަނދެވެ. މިއީ ވަރަށް ތަފާތު ދެ ފަންނީ ބޯޓުތަކެވެ.

ނާއިޝް ހޯދުމުގައި ސަރުކާރުގައި ހުރި ހުރިހާ ވަސީލަތެއް ބޭނުން ކުރަން ޖެހެއެވެ. ދިވެއްސެއްގެ ފުރާނަ މާ މުހިއްމެވެ. މުއިއްޒުގެ ސަރުކާރުން ނައީޝް ހޯދުމުގައި އިހްމާލުވި މައްސަލައަކީ ރައްޔިތުންގެ މަޖްލިސްއިން ބަލަން ޖެހޭ މުހިއްމު މައްސަލައެކެވެ. މިކަން މިގޮތަށް ވާން ޖެހުނު ސަބަބު ހޯދަން ޖެހެއެވެ.

ނައީޝް ހޯދުމުގައި ސަރުކާރު އިހްމާލުވެފައިވާ ކަމަށް އާއްމުން ދަނީ ބުނަމުންނެވެ. އެސްޓީއޯގެ ކުރީގެ ސީއީއޯ ހުސެއިން އަމްރު އޭނާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު ޒިންމާ އަކީ ދިވެހިންގެ ފުރާނަ ހިމާޔަތްކުރުން ކަމަށެވެ

”‏ދިވެއްސަކު ކަނޑުމަތިން ގެއްލުމުން ރާއްޖޭގަ ހުރި ހުރިހާ ވަސީލަތެއް ބޭނުންކުރުން މަޖުބޫރު، “ އަމްރުގެ ޓުވީޓުގައި ވެއެވެ.

އޭނާ ވިދާޅުވީ، ގެއްލޭ ‏މީހުން ހޯދުމުގެ މަސައްކަތަކީ ވަކި ވަސީލަތްކަކާ އުކުޅު ބޭނުންކުރަންޖެހޭ ކަމެއް ކަމަށާއި، ‏އެ ލިބެން ހުއްޓާ ބޭނުން ނުކުރުމަކީ ގޯހެއް ކަމަށެވެ.