އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންގެ މުސާރަ ބޮޑެއް ނުކުރެވޭނެ: ސަރުކާރު

ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންގެ މުސާރަ ބޮޑު ނުކުރެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީން އަންގައިފިއެވެ.އެ މިނިސްޓްރީން މިފަދައިން އެންގީ މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫންގެ ފަރާތްޕުޅުން މިދިޔަ ބުދަ ދުވަހު އެ ކޮމާންޑްގެ ހުރިހާ މުވައްޒަފުންނާއެކު ސްޓޭޓް މިނިސްޓަރު މުއާޒު ހަލީމާއި ޕޮލިޓިކަލް ޑިރެކްޓަރު މަޝްހޫރު އިންސްޓަގްރާމް މޮޑެލް ފާތިމަތު ސަފާ އަހްމަދު ބޭއްވި ބައްދަލުވުމުގައެވެ.

އެ ކޮމާންްޑްގެ މުވައްޒަފުންނާ ސްޓޭޓް މިނިސްޓަރު މުއާޒް ހަލީމް ދެއްކެވި ވާހަކަފުޅުގައި ވަނީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރެވެން ނެތް ކަމަށް އަންގާފައެވެ. އެކަމާ ގުޅިގެން އެތަނުގެ މުވައްޒަފުން ތިބީ ވަރަށް ހިތްހަމަނުޖެހިފައެވެ.

އަޅުގަނޑުމެންނަށް މައުލޫމާތު ދެމުން އެތަނުގެ ބައެއް މުވައްޒަފުން ބުނީ އެމްޑީޕީ ސަރުކާރުން ބޮޑުކޮށްފައިވާ މުސާރަ ނުދެވޭނެ ކަމަށް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ނަރުހުންނާ ޑޮކްޓަރުންގެ މުސާރަ ވެސް ބޮޑުކޮށް އެމްޑީޕީ ސަރުކާރުގައި ދިޔައީ ބޮޑު މުސާރަ ދެމުން. ސްޓޭޓް މިނިސްޓަރު މުއާޒް ހަލީމް ވިދާޅުވީ އަޅުގަނޑުމެންނަށް ބޮޑު މުސާރަ ދޭނެ ފައިސާއެއް ނެތޯ. މިއީ ކިހާ ބޮޑު ޖޯކެއްތޯ. ބަޖެޓް އޮތީ މަޖިލީހުން ފާސްކޮށްފައި. ނަރުހުންނާއި ޑޮކްޓަރުންނަށް ބޮޑު މުސާރަ ދެވޭ. އަޅުގަނޑުމެންނަށް ވީމަ ފައިސާއެއް ނެތް،" އެތަނުގެ މުވައްޒަފަކު ކިޔައިދިނެވެ.

ފުލުހުންނާއި ސިފައިންނާއި ކަސްޓަމްސް އާއި އިމިގްރޭޝަނާއި ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ހިމެނޭހެން ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ޖެނުއަރީ މަހުން ފެށިގެން ބޮޑުކުރަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފައެވެ. އަދި އެ ފައިސާ ވަނީ އަންނަ އަހަރަށް ލާފަކޮށް މަޖިލީހުން ފާސްކުރި ބަޖެޓްގައި ވެސް ހިމަނާފައެވެ.

ނަމަވެސް އެ ނިންމުމާ އެއްގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޮޑު މުސާރަ ނުދޭން އުޅެނީ އެމްޑީޕީއަށް ޖެއްސުން ކުރުމުގެ ގޮތުން ކަމަށް ގިނަ ބަޔަކުދެކެއެވެ. އެކަމަކު ހަގީގަތުގައި ޖެއްސުން އެކުރެވެނީ ރައްޔިތުންނަށެވެ. މުވައްޒަފުންނަށް ލިބޭ މުސާރަ ކުޑަވުމުގެ ސަބަބުން އަނގަޔާއި އަތާއި ދިމާނުވާތީ، އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރައީސް ސޯލިހު ނިންމެވި ނިންމެވުން ތަންފީޒު ނުކުރައްވަން ޑރ. މުއިއްޒު އުޅުއްވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.