
ކުރިން ހިނގަމުން ދިޔަ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓު، މި ވެރިކަމުގައި ދެ މިނިސްޓްރީ އަކަށް ބަދަލުކޮށް، މުދާ ބަދަލުކުރި ދުވަސްވަރު، 65 އިންޗީގެ ބިޔަ ޓީވީއަކާއެކު އަގުބޮޑު މުދާތަކެއް "ވީނުވީއެއް ނޭނގި" ގެއްލިގެން ޕޮލިހަށް މައްސަލަ ހުށަހަޅައިފި އެވެ.
ނޮވެމްބަރު 17، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލާއެކު ކުރިން ހިންގަމުން ދިޔަ ޔޫތު މިނިސްޓްރީގެ ބަދަލުގައި އުފެއްދީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމެންޓު، އިންފޮމޭޝަން އެންޑު އާޓްސް އެވެ.
އެހެންވެ، ކުރިން ޔޫތު މިނިސްޓްރީގެ ބައެއް ސެކްޝަންތަކާއި މުވައްޒަފުން، އަލަށް އުފެއްދި ދެ މިނިސްޓްރީ އަށް ބަހައިލި އެވެ. އެ ބަދަލުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ހަރުމުދާ ވީނުވީއެއް ނޭނގި ގެއްލިފައިވާތީ، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންއިން އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހެޅީ މި މަހުގެ 20 ގައި ކަމަށް އަދަދު ނޫހަށް ވަނީ އެނގިފަ އެވެ.
"ވީނުވީއެއް ނޭނގި" ގެއްލިފައިވާ ތަކެތި
އައިޓީ ރޫމުގައި ހުރި ދެ ސީޕީޔޫ
ސާވަ ރޫމުގައި ހުރި ދެ މޮނިޓަރު
މިނިސްޓްރީގެ ނަމާދު ކުރާ ކޮޓަރީގެ ކުރިމަތީގައި ހުރި ހަތަރު މޮނިޓަރު
މިނިސްޓަރުގެ ރޫމަށް ހޯދާފައި ހުރި 65 އިންޗީގެ ޓީވީ
އެ ތަކެތި ވަގަށް ގެންދިޔުމަށް ފަހު، މިނިސްޓްރީގެ ސީސީޓީވީ ފުޓޭޖު ވެސް އެއްކޮށް ފުހެލާފައިވާ ކަމަށް "އަދަދު" ނޫހަށް މައުލޫމާތު ދިން މީހާ ބުންޏެވެ. އެ ފުޓޭޖުތައް ޑިލީޓުކޮށްލާފައިވާ ކަމަށް ބެލެވެނީ ނޮވެމްބަރު 26 ނުވަތަ 27 ގައި ކަމަށް ވެސް އޭނާ ބުންޏެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ޕޮލިހުންގެ އިސް އޮފިސަރަކު އަދަދު ނޫހަށް ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފުސީލެއް އޭނާ ނުދެއްވި އެވެ..
މައުލޫމާތު: އަދަދު ނޫސް