
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑުކިޔައި ހަބަރާއި ލިޔުންތައް ގެނެސްދެމުންދިޔަ ދެ ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދައި ބްލޮކު ކުރުމާ ގުޅިގެން ދަ ޑިމޮކްރެޓްސް އިން ވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރޭގެ ވަގުތަކުން ފެށިގެން "ދިޔަވަރު.ކޮމް" އަދި "ކުރުސީ.ކޮމް" އަށް ނުވަދެވެ އެވެ. މި ދެ ވެބްސައިޓަކީ ވެސް ރައީސް މުއިއްޒު ހުވާ ކުރެއްވި ފަހުން އެމަނިކުފާނަށް ފާޑުކިޔައި އެކި ތުހުމަތުތައް އަމާޒުކޮށް ލިޔުންތައް ޝާއިއު ކުރަމުންދާ ވެބްސައިޓުތަކެކެވެ.
އެކަމާ ގުޅިގެން ނެރުނު ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އޮންލައިން ނޫސްތަކަށް ނުވަދެވޭގޮތް ހަދާފައިވާތީ، ދަ ޑިމޮކްރެޓްސް އިން އެކަމުގެ ކަންބޮޑުވާ ކަމަށެވެ.
ޑިމޮކްރެޓްސް އިން ސިފަކޮށްފައިވާ ގޮތުގައި ސަރުކާރުގެ މި އަމަލަކީ މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަށް ހުރަސްއެޅޭ އަދި އިންޓަރނެޓް ސެންސަރޝިޕްގެ އަމަލެއްގެ ގޮތުގަ އެވެ.
"ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ދީފައިވާ ހުރިހާ ހައްގުތަކާއި މިނިވަންކަމެއްގެ މުލުގައިވާ ބާރު. އެހެންކަމުން މި ބާރު ނުވަތަ މި ހައްގު އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ސަރުކާރަށް މި ޕާރޓީން އިލްތިމާސްކުރަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ސަރުކާރުން ބުނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ހިންގާ އެއްވެސް ނޫހެއް ބްލޮކް ނުކުރާނެ ކަމަށެވެ.