
ޑރ. މުއިއްޒުގެ ސަރުކާރު ދިފާއުކޮށް ސޯޝަލް މީޑިއާ ހިންގުމަށް 45 މުވައްޒަފުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުއަށް ނަގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަލީލު އަދި އިކުރާމްގެ ދަށުން މަސައްކަތް ކުރުމަށް ނެގި މުވައްޒަފުންގެ މުސާރައަކީ މަހަކު 20,000 ރިފިޔާއެވެ. މަހަކު މުސާރައިގެ ގޮތުގައި 1,000,000 ރުފިޔާ ހަރަދު ހިނގައެވެ. މިއީ ރައީސް ޕޮރޮމޯޓު ކުރުމަށް ހަލީލު އެކުލަވާލި 140 މިލިއަން ރުފިޔާގެ ބަޖެޓުގައި ހިމެނޭ ބައެކެވެ.
މުއިއްޒު ޕްރޮމޯޓު ކުރުމަށް ގިނަ އަދަދެއްގެ މުވައްޒަފުންނަށް ވަޒީފާދީފައިވާ އިރު މީގެ ދެ ރޭ ކުރިން އޮތް ”ކަންގަތި އެވޯޑް 2023“ ދިނުމުގެ ޙަފުލާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަން ހުންނަވަނިކޮށް, ވާހަކަ ދައްކަވަން ބޭނުން ކުރައްވަމުން ގެންދެވި ޓެލެޕްރޮމްޓަރ މައްސަލަޖެހި, ރައީސްގެ ވާހަކަފުޅު ހުއްޓި, އެތައް އިރެއްވަންދެން ޖަލްސާ މެދުކަނޑާލަންޖެހުނެވެ.
ޓެލެޕްރޮމްޕްޓާ މައްސަލަ ޖެހުނު އިރު ޕޯޑިއަމް މަތީގައި ރައީސްގެ ސްޕީޗު ނެތުމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންއިން އަވަސް އަވަހަށް ރައީސް އޮފީހަށް ގޮސް ގެނެވުނީ މިއަދުގެ ހުކުރު ހުތުބާއެވެ. ދެން އަނެއްކާވެސް ޖެހުނީ ސްޕީޗު ޕްރިންޓުކޮށް ގެނެސް ޖަލްސާ ނިމެން އުޅެނިކޮށް އަލުން ވާހަކަ ދައްކާށެވެ. މި ހާދިސާ އާއި ގުޅިގެން ހަލީލުގެ ބަޔާން މިހާރު ވަނީ ނަގާފައެވެ.