އަވަސްއަރުވާލައިގެން ފުށިދިއްގަރު ފަޅު ހިއްކުމުގެ ފަހަތުގައި ވަނީ މަޖްލިސް އިންތިހާބަށް ބޭނުންވާ ފައިސާ ހޯދުމަށް ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީގެ އިސް ފަރާތްތަކަކާއި އެކު ދެއްކެވި ނުރަސްމީ ވާހަކައެއްގެ ތެރެއިން ފަޒުލް ވިދާޅުވީ ސަރުކާރު ގެނައުމަށް ހަރަދު ކުރުމަށް ފަހު މިހާރު ބޭނުންވަނީ މަޖްލިސް ނެގުމަށް ބޭނުންވާ ފައިސާ ހޯދުން ކަމަށެެވެ. އެގޮތުން ކުރިން ރައީސް މުއިއްޒު ހީކުރައްވައިގެން ހުންނެވީ ރައީސްގެ ހުވާ ކުރެއްވުމަށްފަހު ބަޖެޓު ފާސްކޮށްގެން އޭގެ ތެރެއިން މަޖްލިސް އިންތިހާބަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށެވެ.
ނަމަވެސް ބަޖެޓުގައި ޖެހި ފުށިދިއްގަރު ޕްރޮޖެކްޓުގެ ފައިސާ މަޖްލިސްއިން ކަނޑާލުމުން ރައީސަށް އޮތް ހަމައެކަނި ގޮތަކީ ކުންފުންޏެއް މެދުވެެރިކޮށް ފައިސާ ހޯދުންކަމަށެވެ.
"ރައީސަށް ގޮތް ހުސްވީ, އެހެންވެ ދެން އަޅުގަނޑު ގާތު އެއްސެވީ ކިހިނެއްހޭ ފައިސާ ޕަމްޕް ކުރެވޭނީ, އެގޮތުން އެންމެ ފަސޭހައިން ފައިސާ ނެގެން އޮތީ ފަޅު ހިއްކައިގެން, އެމްޑީޕީ ސަރުކާރުން ހުޅުމާލެ ފޭސް 3 ގެ ހިއްކުމަށް ސީއެމްސީއަށް ދީފައިވަނީ, ދެން އެމީހުންނާއި ވާހަކަ ދެއްކުމުން ވަރަށް ފަސޭހައިން މިކަން ކުރެވޭ ގޮތްވެއްޖެ, މިއީ ރަނުގެ ފުރުސަތެއް, ނަސީބެއް އެމީހުން އެއްބަސްވިކަން" ފަޒުލް ވިދާޅުވިއެވެ.
ފަޒުލް އާއި އެކު އެމަޖްލިސްގައި ހުންނެވި ޕީޕީއެމް ރައީސް ޔާމީންގެ ލޯޔަލް މީހަކު ބުނީ ފުށިދިއްގަރު ފަޅުގެ މަސައްކަތް ހަވާލުވި ގޮތަށް މިހާރު މަޖްލިސް އިންތިހާބަށް ބޭނުންވާ ފައިސާ މުއިއްޒުއަށް ދިނުމަށް ސީއެމްސީސީ އިން އޮތީ ތައްޔާރަށް ކަމަށެެވެ.
ފުށިދިއްގަރު ޑީލްގެ ކަންކަން އާބަންކޯ ތެރެއިންވެސް ކުރިއަށް ގެންދަނީ ވަރަށް ސިއްރުން މަދު މުވައްޒަފުންތަކެއް ބައިވެރިކޮށްގެން ސީދާ ފަޒުލްގެ ބެލުމުގެ ދަށުންނެވެ. އެކުންފުނީގެ އޮފިޝަލަކު ބުނީ އެކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ކަމާއި ގުޅުން ހުރި މުވައްޒަފުންނާއި ވެސް ހިއްސާ ނުކުރާ ކަމަށެވެ.
ފުށިދިއްގަރު މައްސަލަ މިހާރު ވަނީ އޭސީސީއަށް ހުށަހަޅާފައެވެ. ނަމަވެސް އޭސީސީއިން މައްސަލަ ބަލާކަމެއް އެނގިފައި ނުވެއެވެ.