
ދެހާހަށް ވުރެ ގިނަ އަހަރުވީ މި ދިވެހިރާއްޖޭގެ ޖަޒީރާ ދިރިއުޅުމާއި، މި ރާއްޖޭގެ އެހެން އެންމެހާ ކަމެއް ބަދަލުކޮށްލާނެ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ އަގެއް ސަރުކާރުން، އަދި އާބަންކޯއިން މިހާތަނަށް ވެސް ހާމައެއް ނުކުރެ އެވެ.
މާލޭގެ ދެކުނުން 10 މޭލު (16 ކިލޯމީޓަރު) ދުރުގައި އޮތް 1280 ހެކްޓަރުގެ އެ މާސިންގާ ފަޅު، ޑިސެމްބަރު 18، 2023 ވަނަ ދުވަހު ހިއްކަން ވަނީ ފަށަައިފަ އެވެ. ރަސްމާލެ ގެ ނަމުން ނަންދީފައިވާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އުއްމީދީ އެ މަޝްރޫއުގެ މާސްޓަ ޕްލޭނެއް ކަރުދާހަށް ތިރިނުކޮށް، ކެންވަސްގައި ދައްކާފައިވާ ތަސްވީރު ހަގީގަތަކަށް ހެދުމަށް 1153 ހެކްޓަރުގެ ބިން ހިއްކަ އެވެ.
އެ ބިޔަ ސަހަރު އަށް މަސް ދުވަހުން ހިއްކައި ނިންމަން ރާވާފައި ވާއިރު، މަޝްރޫއުގެ އަގުގެ ގޮތުގައި ނަގުދު ފައިސާ ދިނުމުގެ ބަދަލުގައި، އަގު އަދާކުރަނީ އެ ބިން ހިއްކަން ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑު ކޮންސްޓަރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް 70 ހެކްޓަރުގެ ބިން ދޫކޮށްލައިގެންނެވެ. އެއީ ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން ހިއްކާ 60 ހެކްޓަރު ބިމެވެ.
ފުށިދިއްގަރުފަޅު ހިއްކަނީ ހިލޭ ކަމަށް މި ސަރުކާރުން ބުނަމުން ދަނީ ނަގުދު ފައިސާގެ މުއާމަލާތެއް ނެތުމުންނެވެ. ނަމަވެސް އެ އަގު ބޮޑު ބިންތައް ދޫކޮށްލަނީ 99 އަހަރެވެ. އެއީ ގާތްގަނޑަކަށް އެއް ގަރުނެވެ.
"ހުޅުމާލެއިން ދޫކުރާ 10 ހެކްޓަރު, ރަސްމާލެއިން ދޫކުރާ 60 ހެކްޓަރު. އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް މި ލިބެނީ 1093 ހެކްޓަރު ބިން. އެޗްޑީސީގެ އެސެޓަށް އެޗްޑީސީއަށް ޖަމާވެގެން މި އަންނަނީ," މަޝްރޫއުގެ އަގާއި އެ އިންވެސްޓުމެންޓު ރަނގަޅުކަން ސާބިތުކޮށް ދެއްވުމުގެ ގޮތުން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލު ރަޝީދު ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވި ގޮތުން ނަމަ ސީއެމްސީސީ އަށް އަގު ލިބޭނީ ބިންތައް ވިއްކައިގެންނެވެ. އެ ބިންތައް ސީމެމްސީސީއަށް ބޭނުން އަގެއްގައި ވިއްކޭނެ އެވެ.
"އެބޭފުޅުން ވިއްކާނެ އަގެއްގަ މީތި ވިއްކަންވިއްޔޭ، ދެން މާކެޓުގަވެސް އެއްޗެއް ވިއްކޭނީ އޭގެ އަގުގަ ދެއްތޯ، ނުއަގުގަ ޖަހައިގެން އެ އެއްޗެއް ނުވިއްކޭނެ ނޫންތޯ، އަޅުގަނޑުމެން އެމީހުންނަށްވެސް ކޮންމެވެސް ވަރެއްގެ ފައިދާއެއް ދޭންޖެހޭނެ ކަންނޭގެ މިވަރުގެ ބޮޑު ކަމެއް ކުރާއިރުގަ، އެހެންވީމަ އޭގަ ރެސްޓްރިކްޝަނެއް އަޅުގަނޑުމެން ނުގެންގުޅެން" ފަޒުލް ވިދާޅުވި އެވެ.
ބިމުގެ އަގު
ހުޅުމާލެއިން އެންމެ ފަހުން ބިން ވިއްކާފައި ވަނީ 2022 ވަނަ އަހަރު ފަހުކޮޅު އެވެ. އެއީ އާންމުންނަށް ވިއްކި ގޯތިތަކެވެ. އެފަހަރު ގޯތި ގަތުމަށް އެންމެ ބޮޑު އަގެއްގެ ގޮތުގައި ހުށަހެޅީ އަކަފޫޓަކަށް 6,060 ރުފިޔާ އެވެ. އަދި ހަމަ އެ އަހަރު ކުރީކޮޅު ވިއްކި ގޯތިތަކަށް ހުށަހެޅި އެންމެ ބޮޑު އަގަކީ އަކަފޫޓަކަށް 9,700ރ. އެވެ.
ފުށިދިއްގަރުފަޅުގެ މަޝްރޫއުގެ އަގު ހާމައެއް ނުކުރެ އެވެ. އެހެންވެ، މި ލިޔުމުގެ ބޭނުމަށްޓަކައި އެ މަޝްރޫއު ހިއްކުމުގެ އަގު މި ކުރަނީ ހުޅުމާލޭ ބިމުގެ އަގުންނެވެ. އެވްރެޖު އަގެއްގެ ގޮތުގައި އަކަފޫޓަކަށް 6،000ރ. ގެ ރޭޓުން އަގުކުރާނަމަ، ހުޅުމާލެއިން ސީއެމްސީއަށް ދޫކުރަން އެއްބަސްވި 10 ހެކްޓަރުގެ ބިމުގެ އަގަކީ 6.5 ބިލިއަން ރުފިޔާ އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާ ގޮތަށް، އަދި ދައްކާފައިވާ ކުލަ ތަސްވީރާ އެއްގޮތަށް ރަސްމާލެ ތަރައްގީކޮށްފި ނަމަ ޒަމާންތަކަކަށް ފަހުން ނަމަވެސް، އެއީ ރާއްޖޭގެ އެންމެ މުހިންމު ރަށެވެ. ރާއްޖޭގެ ވެރިރަށް ބަދަލުވުމުގެ އިތުރަށް އެންމެ މުހިންމު ވިޔަފާރި މަރުކަޒަށް ވެސް ރަސްމާލެ ބަދަލުވުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ، އެ ބިމުގެ އަގު ހުޅުމާލެ ބިމުގެ އަގަށް ވުރެ ދަށް ވާނެ ކަމަށް ނުބެލެވެ އެވެ.
ސީއެމްސީއަށް ރަސްމާލެއިން ދޭ 60 ހެކްޓަރުގެ ބިމުގެ ޖުމުލަ އަގަކީ އަކަފޫޓެއް 6،000ރ. އަށް ބަލާނަމަ، އެ ބިމުގެ އަގަކީ 38.6 ބިލިއަން ރުފިޔާ އެވެ. އަދި 70 ހެކްޓަރުގެ ބިމުގެ ޖުމުލަ އަގަކީ 45.2 ބިލިއަން ރުފިޔާ އެވެ. އެއީ ތިން ބިލިއަން ޑޮލަރެވެ.
ބިމުގެ އަގު ކުރުކޮށް (އަކަފޫޓަކަށް 6,000ރ.)
އެއް ހެކްޓަރު - 107،639 އަކަފޫޓު
10 ހެކްޓަރުގެ ބިމުގެ އަގު: 6.5 ބިލިއަން ރުފިޔާ
70 ހެކްޓަރުގެ ބިމުގެ އަގު: 45.2 ބިލިއަން ރުފިޔާ
އެންމެ ފަހުން ހުޅުމާލެއިން ވިއްކި ބިމަކީ ސަރުކާރުގެ ކުންފުންޏެއް ކަމުގައިވާ މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ވިއްކި 6،100 އަކަފޫޓުގެ ބިމެވެ. އެ ބިން ވިއްކީ އަކަފޫޓެއް 3،629ރ. އެވެ.
މި ރޭޓުން 70 ހެކްޓަރުގެ ބިމުގެ އަގު ހިސާބުކުރާއިރު ވެސް ޖެހެނީ 27.3 ބިލިއަން ރުފިޔާ އެވެ.
އެ ބިމުގެ ސައިޒުގެ ބޮޑުމިން ފަސޭހަކޮށް ވިސްނައިގަތުމަށްޓަކައި ފުޓުބޯޅަ ދަނޑެއްގެ ބޮޑުމިން ވިސްނާށެވެ. އެ ސައިޒުން ބަލާނަމަ، ހުޅުމާލެއިން ސީއެމްސީއަށް ދޫކޮށްލީ ގަލޮޅު ދަނޑުގެ 16 ފުޓުބޯޅަ ދަނޑެވެ. އެ 10 ހެކްޓަރާއި ރަސްމާލޭގެ 60 ހެކްޓަރާއެކު ދޫކޮށްލާ ޖުމުލަ 70 ހެކްޓަރުގެ ބޮޑުމިނަކީ ވިލިމާލޭގެ ދެ ރަށުގެ ސައިޒަސް ވުރެ ބޮޑު ބިމެކެވެ. އެއީ ބޯޅަދަނޑެއްގެ ސައިޒުން ބަލާނަމަ 113 ބޯޅަ ދަނޑެވެ.