ފްލެޓު ބެހުމުގައި އިހުމާލުވީ މުއިއްޒު، ތަހުގީގު ހިންގަން ޖެހޭ: ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް ބެހުމުގައި އެންމެ ބޮޑު އިހުމާލެއްވީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށާއި އޭނާގެ މައްޗަށް ތަހުގީގެއް ހިންގަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ

"ހިޔާ މަޝްރޫއު" އާއި "ގެދޮރުވެރިކުރުމުގެ މަޝްރޫއު" އަދި "ގުޅީފަޅު ހައުސިން ޕްރޮޖެކްޓް" ކުރިއަށް ގެންދިޔަ ގޮތް މުރާޖައާކޮށް، ފްލެޓް ހައްގުވާ މީހުންނަށް ފްލެޓް ލިބޭނެ ގޮތް ފަހިކޮށްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޓީން ވަނީ ފްލެޓު ލިބުނު މީހުންގެ ނަން ހާމަކޮށްފައެވެ.

ސިވިލް ސާވިސް ކެޓަގަރީ ނޫން ހުރިހާ ކެޓަރީތަކުން ފްލެޓް ލިބުނު މީހުންގެ ނަމާއި އެޑްރެހާއި އައިޑީ ކާޑު ނަންބަރު ފަދަ ހުރިހާ މައުލޫމާތެއް ހާމަކުރިއިރު، ކުރީގެ ސަރުކާރު ދިފާއު ކުރެއްވުމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުންނަށާއި އާއިލާތަކަށް ފްލެޓު ލިބިފައިވެ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ހިޔާ މަޝްރޫއުގެ ދަށުން 7،000 ފްލެޓު ރައްޔިތުންނަށް ބެހި ގޮތާ މެދު ވަރަށް ގިނަ މީހުން ތިބީ ކަންބޮޑުވެފަ އެވެ. ބައެއް މީހުންނަށް ފްލެޓު ހައްގުވި ނަމަވެސް، އެއްގޮތަކަށް ހައްގު ނުވާ މީހުންނަށް ވެސް ފްލެޓު ދީފައިވާ ކަމަށް ވިދާޅުވި އެވެ.

ފްލެޓު ބެހުމުގައި ޖަރީމާ ހިންގައި ނާޖާއިޒު ފައިދާ ނަގާފައި ހުރި މީހުން ބަލައި ތަހުގީގުކޮށް އެކަމާ ގުޅޭ ރަނގަޅު ޝަރީއަތާއި އެހެން ވެސް ގޮތް ގޮތުން އަޅަން ހުރި ފިޔަވަޅުތައް އެޅުން. އަޅުގަނޑުމެން ދެކޭ ގޮތުގައި މިނިސްޓަރު [މުއިއްޒު] ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި،" ނަޝީދު ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި ނެންގެވީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކާ ގުޅުން ހުރި 37 މީހަކަށް ފްލެޓު ލިބުމެވެ. ނަޝީދު އެ އިޝާރާތް ކުރެއްވި މެމްބަރަކީ ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި މަޖިލިހުގެ ނިލަންދޫ ދާއިރާގެ އަބްދުﷲ ހަލީލަށެވެ.