ކުއްލި ހާލަތު އިއްލާންކޮށް މަޖްލިސް އުވާލުމުގެ މަޝްވަރާ ފަށައިިފި

ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އަޒުލުކުރުމުގެ އިޖުރާއަތްތައް ކުރިއަށް ވުރެ ފަސޭހަވާ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރުމާއި ގުޅިގެން ކުއްލި ހާލަތު އިއްލާންކޮށް މަޖްލިސް އުވާލުމުގެ މަޝްވަރާ ރައީސް މުއިއްޒު ފައްޓަވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްލި ހާލަތު އިއްލާންކޮށް މަޖްލިސް އުވާލުމާއި ގުޅޭގޮތުން ބަންޑާރަ ނައިބް އުޝާމް އާއި ކުރީގެ ބަންޑާރަ ނައިބް އަދި މިހާރު ޗާގޯސް މައްސަލާގައި އިސްކޮށް މަސައްކަތް ކުރައްވާ ކުރީގެ ބަންޑާރަ ނައިބް އަނިލް ހިމެނޭ ހެން ޓީމަކުން މަސައްކަތް ފަށައިފިއެވެ. މި ޓީމުގައި ގާނޫނީ ވަކީލް އާޒިމާ ޝަކޫރު ހިމެނެއެވެ.

ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވީ މަޖްލިސް އުވާލުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވަނީ ވަޒީރުންނަށް ރުހުން ލިބުމާއި އެކުއެވެ.

"ރައީސް މަޑުކުރައްވަނީ ވަޒީރުންނަށް ރުހުން ލިބެންދެން, ލިބުމާއި އެކު ކުއްލި ހާލަތު އިއްލާންކޮށް މަޖްލިސް އުވާލުމަށް ފަހު ކުރިއަށް އޮތް ދުވަސްތަކުގައި އާ މަޖްލިސް އިންތިހާބަށް ދާން ރައީސް އަށް ލަފާ ލިބެނީ" އޮފޝަލް ވިދާޅުވިއެވެ.

މުއިއްޒުގެ ސަރުކާރުން ކުއްލި ހާލަތު އިއްލާން ކުރާނީ ގާނީނީ ސަރުކާރު ވައްޓާލައި ބަޢާވާތް ކުރުމަށް މަަސައްކަތް ކުރާ ކަމަށް ބުނެއެވެ. އަދި އެކަން ކުރުމުގެ ކުރިން ރައީސް ޔާމީން ޖަލަށް ބަދަލުކޮށް އެމަނިކުފާންގެ ހުކުމް ދަމަހައްޓަން ވެސް ވަނީ ނިންމާފައެވެ.

"ރައީސް ޔާމީންގެ ޖަލު ހުކުމް ދަމަހައްޓައި, ގައުމު ހަމައަކަށް އަޅުވާލައި, ދެން ކުއްލި ހާލަތު އިއްލާން ކުރާނީ"

މަޖްލިސް އުވާލުމަށް މަޝްވަރާ ކުރަމުން އަންނަ އިރު ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އާއި އެކުވެސް މުއިއްޒު ވަނީ މަޝްވަރާކޮށްފައެވެ. ގާސިމް ވެސް މިފަހުން އަންނަނީ މަޖްލިސްގައި މުއިއްޒުގެ ވެރިކަން ދަމަހައްޓަން ވާހަކަ ދައްކަވަމުންނެވެ.

ރައީސް އާއި ނައިބް ރައީސް އަޒަލު ކުރެވޭ ގޮތަށް މަޖްލިސްއިން ގެނެވުނު އިސްލާހާއި ގުޅިގެން ސަރުކާރުގެ އިސްވެރިންވެސް އަންނަނީ އެކި ޕާޓީ ތަކާއި މަޝްވަރާ ކުރަމުންނެވެ. އަދި މަޖްލިސްގެ މެމްބަރުންގެ ތެރެއިން 10 ވަރަކަށް މެމްބަރުން ގަތުމަށްވެސް އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެމްޑީޕީގެ މެމްބަރުންތަކެއް މަދުވެދާނެ ފަދަ ގޮތަކަށް މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގު އިއްޔެ ވަނީ މަޖްލިސްގައިވެސް ވާހަކަ ދައްކަވާފައެވެ.

ކުއްލި ހާލަތު އިއްލާންކޮށް މަޖްލިސް އުވާލުމަށް މުއިއްޒު މަޝްވަރާ ކުރައްވާ އިރު އެމަނިކުފާންގެ ސަޕޯޓަރުންވެސް އަންނަނީ މިއީ ރައީސަށް ލިބިގެންވާ ބާރެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޯސްޓުތައް ހަދައި ފަތުރަމުންނެވެ.