ސެމްބެ, ދެވަނަ އަދީބު!

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވޯޓުލުމަށް ތައްޔާރުވާ އިރު ހަނދާނަށް އަންނަނީ 2016 ވަނަ އަހަރެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ ނައިބް ރައީސް އަހުމަދު އަދީބު މާލޭގެ ގޭންގު ތަކާއި އެކު މާލެ މަގުތަކަށް ނިކުމެ އުޅުނު ބިރުވެރި މަންޒަރެވެ.

"ޒުވާނުން" ގޮވައިގެން އަދީބު އުޅުއްވި އުޅުން މިހާރު ފެންނަނީ ޑރ. މުއިއްޒުގެ ރަނިންމޭޓު ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) ގެ ފަރާތުންނެވެ. އަދީބުގެ ބާރުގައި އޭރު އުޅުނު ގޭންގުތައް މިއަދު ތިބީ ސެމްބެގެ ފަހަތުގައެވެ. ސެމްބެ އާއި އެކު މާލެ އާއި އަތޮޅު ތެރޭގައި ގިނައިން ތިބީ އެ ޒުވާނުންނެވެ.

ރާއްޖޭގެ އެންމެ ނުރައްކާތެރި ގޭންގުތަކާއި އެކު ސެމްބެ ނިކުމެ ކެމްޕެއިން ކުރަމުން އަންނަ އިރު ރައީސް ޔާމީންގެ ވެރިކަމުގައި އޭރު މާލޭގެ މަގުތަކުގައި އޮތް ނާމާން ކަމާއި ބިރުވެރިކަން އަނެއްކާވެސް މިވަނީ ސިފަވާން ފަށާފައެވެ. ވަޅި ޖެހުމާއި ފޭރުމާއި މީހުން މެރުން ފަދަ ބޮޑެތި ކުށްތައް އަނެއްކާވެސް ފެށިދާނެ ކަމުގެ މަންޒަރު މިދަނީ ފެންނަމުންނެވެ.

ސެމްބެ އާއި އެކު ތިބި ޒުވާނުންގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރާ މީހުންނަށް މިހާރުވެސް އިންޒާރު ލިބެން ފަށައިފިއެވެ. "ކޮށާލާނެ" ކަމުގެ އިންޒާރު އަންނަނީ ފުލުފުލުގައި ލިބެމުންނެވެ.

ހޯމް މިނިސްޓަރ އިމްރާން ވިދާޅުވި ގޮތަށް ޑރ. މުއިއްޒު ވެރިކަމަށް ރައްޔިތުން ގެނެސްފިނަމަ ނައިބް ރައީސް ދިރިއުޅުއްވާ ހިލާލީ ގެ ހިންގާނީ ގޭންގު ތަކުންނެވެ. މިއީ ހަގީގަތެެއްކަން މިހާރުވެސް މިދަނީ ފެންނަމުންނެވެ. ސެމްބެ އާއި ގުޅުވައި ބަހެއް ބުނެފިނަމަ ރައްދު ދެނީ އެ ޒުވާނުންނެވެ.

ރާއްޖޭގެ އަތޮޅުތަކާއި މާލޭގައި މޫލާފައިވާ ގޭންގުތަކަށް ބާރު ލިބޭ ވެރިކަމެއް ދިވެހިން ގެނެސްފިނަ މުޅި ރާއްޖޭގެ ރައްޔިތުން ބޮޑު ބިރުވެރިކަމަށް ވެއްޓޭނެކަން މާޒީން ވަނީ ފެނިފައެވެ.

އާއްމު ވިޔަފާރިތަކާއި, ކަންމަތީ ފިހާރަތައް ލޫޓުވައި, މާލޭގެ ގޯޅިގޯޅި ކަންމަތީގައި ހިތުހުރި ގޮތަކަށް "ޕާޓީ" ކުރި މަންޒަރު ދިވެހިންނަށް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ފެނިފައެވެ. މިއަދު އަނެއްކާވެސް މިދަނީ އެކަޅު ނާމާން ބިރުވެރިކަމަށް ރާއްޖެ ބަދަލުވަމުންނެވެ.

"ދިވެހީންގެރާއްޖެ" ގެ ނަމުގައި ހިންގާ މި ކެމްޕެއިންގެ އަނދިރިފަރާތާއި މެދު ރައްޔިތުން ވިސްނަން ޖެހޭނެއެވެ. ޖަޒުބާތުގައި ޖެހި ދެވޭ ވޯޓަކުން ރާއްޖެ ނާމާން ބިރުވެރި ކިއްލާއަކަށް ބަދަލުވުމުގެ ފުރުސަތު މިވަނީ ދާދި ގާތުގައެވެ.