ފެކްޓު ޗެކު: ކުށްވެރިން ދޫކޮށްލީ އިންތިގާލީ އޮފީހުން އަންގައިގެން

މިދިޔަ ރިޔާސީ އިންތިހާބު ނިމުނުފަހުން 400 އަށް ވުރެ ގިނަ ކުށްވެރިން ދޫކޮށްލާފައިވާކަމަށާއި އެކަން ކުރީ ރައީސް މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ކުރިން އެކުލަވާލި އިންތިގާލީ އޮފީހުން އަންގައިގެންކަމަށް ކަރެކްޝަންލް ސާރވިސްގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

"އޭރު މި އޮންނަ ގޮތަކީ އިންތިގާލީ އޮފީހުން އައިސް އެބަ އަންގާ ބައެއްކަންކަން ނުކުރުމަށް އަދި ބައެއް ކަންކަން ކުރުމަށް، ހުވާކުރަން ތައްޔާރުވެފަ އޮންނަ ސަރުކާރަކުން ބުނާކަމެއް ނުކޮށްފިޔާ ނުވަތަ އެމީހުން ބުނާގޮތެއް ނުހަދައިފިޔާ ވެރިކަމަށް އައިސް ވަޒީފާތަކުން ކަނޑާލާނެކަމުގެ ބިރު އެބައޮވޭ، އެހެންވީމަ އެމީހުން އަންގާގޮތަށް އެކަން އެދަނީ" އޮފިޝަލް

އޮފިޝަލް ވިދާޅުވީ ބައެއް ކުށްވެރިން ދޫކޮށްލުމަކީ އެމީހުންގެ އާއިލާއަށް މުއިއްޒު ވެފައިވާ ވައުދުތަކެއްކަމަށާއި އެގޮތުން މުއިއްޒު ބޭނުންވީ ހުވާކުރުމުގެ ކުރިން، އެކަން ކުރަންކަމަށެވެ. އަދި އިންތިގާލީ އޮފީހުން އަންގައިގެން އެކަން އެގޮތަށް ކުރަން ޖެހުނީކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މުއިއްޒު ވެރިކަމަށް އިންތިހާބުވި ފަހުން އިންތިގާލީ އޮފީހުން އަންގައިގެން ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއްވެސް މަޑުޖައްސާލާފައިވާއިރު، އެގޮތުން ހުއްޓުވި ބައެއް ރަށްރަށުގެ މިސްކިތްތައް ބިނާކުރުމުގެ މަސައްކަތްވެސް އަދިވެސް އަލުން ފަށާފައެއް ނުވެއެވެ.

އިންތިގާލީ އޮފީހުން އަންގައިގެން މުއިއްޒު ހުވާކުރުމުގެ ކުރިން މަގުމައްޗަށް ދޫކޮށްލި ކުށްވެރިންގެ ތެރޭގައި ހިމެނެނީ ޑްރަގް ވިޔަފާރިއާއި ގުޅޭ 80 މީހަކާއި ކުޑަކުދިންނާ ބެހުމުގެ މައްސަލަތަކުގައި ހިމެނޭ 20 މީހަކާއި ރޭޕްގެ ،މައްސަލަތަކުގައި ބައިވެރިވާ 25 މީހަކާއި މާރާމާރީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ 120 މީހަކާއި ފޭރުމާއި ވައްކަމުގެ މައްސަލަތަކުގައި ޝާމިލްވާ 30 މީހެއްގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރާ 250 މީހެކެވެ.

އޮފިޝަލް ވިދާޅުވީ އެމީހުން މިހާރުވެސް ބޮޑެތި ކުށްތަކަށް އަރައިގަންނަމުން ދާއިރު ސަރުކާރުން އެކަމާ އަޅާނުލާކަމަށާއި އެމީހުން ހުއްޓުވާ ހައްޔަރުކުރުމަށް އެއްވެސް މަސައްކަތެއް ނުކުރުމަކީ އެމީހުން ދޫކޮށްލީ މިސަރުކާރުން ބޭނުންވެގެން ކަމުގެ ހެތްކެއްކަމަށެވެ.

މުއިއްޒުގެ ރަނިންމޭޓް އަދި މިހާރުގެ ނައިބު ރައީސް ހުސައިން ލަތީފަކީ ގޭންގުތަކާއި ކުށްވެރިންނާއި ގުޅުންބޮޑު ބޭފުޅެކެވެ. އެގޮތުން ކެމްޕެއިން ތެރޭގައި ބޭއްވި ރެލީތަކުގައި ސެމްބެއާއެކު ބޮޑެތި ކުށްވެރިން ބައިވެރިވިއެވެ.