ޕާކިސްތާނުގެ ޑްރަގް ނެޓްވޯކުތަކުން މުއިއްޒުގެ ކެމްޕެއިނަށް ފައިސާ ފޮނުވަނީ

ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒުގެ ކެމްޕެއިންނަށް ޕާކިސްތާނުގެ ޑްރަގް ނެޓްވޯކުތަކުން ފައިސާ ފޮނުވަމުންދާ މައްސަލަތަކެއް ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައިސްފިއެވެ.

މައުލޫމާތު އެނގޭ ފަރާތަކުން ކުރުސީއަށް މައުލޫމާތު ދިން ގޮތުގައި ގިނަ އަދަދެއްގެ ފައިސާ މުއިއްޒުގެ ކެމްޕެއިނަށް ފޮނުވަމުން އަންނަނީ ވެސްޓަން ޔޫނިއަން މެދުވެރިކޮށެވެ. މީގެ އިތުރުންވެސް މިދިޔަ ހަފްތާގައި ދުބާއީ މެދުވެރިކޮށްވެސް ގިނަ އަދަދެއްގެ ފައިސާ ވަނީ ރާއްޖެ އެތެރެކޮށްފައެވެ.

ގިނަ އަދަދެއްގެ ފައިސާ މުއިއްޒުގެ ކެމްޕެއިނަށް ފޮނުވަމުން އަންނަ އިރު ދާދި ފަހުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތިވެސް ފުލުހުން ވަނީ އަތުލައިގެންފައެވެ.

މުއިއްޒުގެ ކެމްޕެއިންގައި ރާއްޖޭގެ ނަން މަޝްހޫރު ގޭންގުތަކުން ހަރަކާތްތެރިވަމުން އަންނައިރު އެ ގޭންގުތަކާއި ޕާކިސްތާނުގެ ޑްރަގް ނެޓްވޯކު ތަކާއި ގާތް ގުޅުމެއް އޮވެއެވެ. މިހާރުވެސް ޕާކިސްތާނުން ރާއްޖެއަށް އެތެރެކުރި ބައެއް މަސްތުވާތަކެތީގެ މައްސަލަތަކުގައި ބައެއް ދިވެހިން ޕާކިސްތާނުގައި ރަހީނު ކުރެވިފައިވާ ކަމަށް ދާދި ފަހުން ފުލުހުން ވަނީ ބުނެފައެވެ.

މަސްތުވާ ތަކެއްޗަށް ރާއްޖޭގައި ހުޅުވިފައި ހުރި ދޮރުތައް ބަންދުކޮށް ރާއްޖެއަށް ކަނޑާއި ވައިގެ މަގުން އެތެރެ ކުރާ މަސްތުވާތަކެތީގެ ބޮޑުއިންސައްތައެއް ފުލުހުން އަތުލައިގަންނަމުންދާތީ އެކަމާއި ޑްރަގު ވިޔަފާރިކުރާ އިސް މީހުންގެ ރުޅިގަނޑު މި ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރާއްޖޭގައި މަސްތުވާތަކެތީގެ ނެޓްވޯކު ފުޅާކުރުމަށް ޕާކިސްތާނުގެ ޑްރަގް ނެޓްވޯކުތަކުން މަސައްކަތް ކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ.