މިިދިޔަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ފިހާރަތަކުން ވިއްކާ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ނަގަން ފަށާފައިވާ 2ރ ގެ ފީ ނުވަތަ ޓެކްސް ކުޑަކުރަން ތާއީދު ނުކުރައްވާ ކަމަށާއި އެ އަދަދު ކުޑަކޮށްފި ނަމަ، އެ ޓެކްސްގެ މަގުސަދު ހާސިލް ނުވެދާނޭ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހިމް މިއަދު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވިދާޅުވެއްޖެ އެވެ.
ކޮތަޅު ފީގެ އަގާ މެދު ބޮޑުވި ޝަކުވާތަކާ ގުޅިގެން ކުނި މެނޭޖް ކުރުމުގެ ގާނޫނަށް ކުރީގެ ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތައް ދިރާސާކުރާ މުޅި މަޖިލީހުގެ ސަބް ކޮމިޓީއަށް ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު މިއަދު ހާޒިރުކޮށް ބޭއްވި ކޮމިޓީގައި މުގައްރިރު ވިދާޅުވީ މުޅި މަޖިލީހުގެ ވިސްނުން ހުރީ
ކޮތަޅުން ނަގާ 2ރ.ގެ ފީ ކުޑަކޮށް، 50 ލާރިއަށް ހެދުމަށް، ނުވަތަ ކޮތަޅު ޓެކްސް އެކީ އުވާލުމަށް ކަމަށެވެ.
އެ ދެ ގޮތުގެ ތެރެއިން ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ސާފުކުރަން މިނިސްޓަރާ ކޮމިޓީގެ މެންބަރުން ވަނީ ސުވާލު ކުރައްވައިފަ އެވެ. މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ތޯރިގު ވިދާޅުވީ ކޮތަޅު ފީއާ ގުޅޭ ގޮތުން މިނިސްޓްރީގެ އަދި އާ ސަރުކާރުގެ ޕޮލިސީ ލެވަލްގައި މަޝްވަރާކޮށް އަދި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އަދި އެ ކަމަށް ވަގުތުކޮޅެއް ބޭނުންވާ ކަމަށް ވިދާޅުވި ނަމަވެސް، ތޯރިގު ވަނީ އެ ކަމުގައި އޭނާއަށް ފެނިވަޑައިގަންނަވާ އަމިއްލަ ހިޔާލު ފާޅު ކުރައްވައިފަ އެވެ.
އެގޮތުން، މިނިސްޓަރު ވިދާޅުވީ މިހާރު އޮތް ގޮތަށް ކޮތަޅަކުން 2ރ. ނަގައިގެން އެ މެނޭޖްކުރަން ފަސޭހަ ވާނެ؛ 50 ލާރި ނަގައިފި ނަމަ، މުޅި ނިޒާމަށް އުނދަގޫވާނެ ކޮތަޅު ފީގެ ގޮތުގައި ނަގާ ފީ ވަކި ކަންކަމަކަށް ހަރަދުކުރަން ގަވައިދެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ފީގެ އާމްދަނީން ކަންތައްތަކެއް ކުރުމަށް ރާވާފައިވޭ އީޕީއޭ މެދުވެރިކޮށް، އެ ފައިސާއިން މުހިންމު ކަންތައްތަކެއް ކުރުމަށް ދަނީ، މި ޓެކްސް ފައިސާ މުހިންމު ކަންތައްތަކަކަށް ހޭދަކުރަން. އެހެންވީމާ ގާނޫނަށް ބަދަލު ގެނައުމުގެ ކުރިން މަޝްވަރާ ކުރަން ވަގުތު ބޭނުންވޭ،" ތޯރިގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮތަޅު ރާއްޖެ އެތެރެ ކުރާއިރު ޓެކްސް ނެގުމުގެ ބަދަލުގައި އެންމެ ރަނގަޅު އުސޫލަކީ އާންމުން ކޮތަޅު ގަންނައިރު ކޮންމެ ކޮތަޅަކުން 2ރ. ނެގުން ކަމަށެވެ.
.
"ކޮންސަޕްޝަން ޓެކްސްއެއް ވީމާ، އެ ޕޮއިންޓް އޮފް ސޭލުން ނެގީމައޭ މަގުސަދު ހާސިލްވާނީ،" ތޯރިގު ވިދާޅުވި އެވެ.
ގުޅުން ހުރި ކަމެއް - ފިނޭންސް މިނިސްޓްރީގެ އޮފިޝަލުން ވެސް މިއަދު ކޮމިޓީގައި ވިދާޅުވީ ކޮތަޅު ފީ 2ރ.އަށް ވުރެ ކުޑަ ކުރާ ނަމަ، އެ ޓެކްސްގެ މަގުސަދު ހާސިލް ނުވެދާނޭ ކަމަށެވެ. އަދި އޭގެ ސަބަބުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުމުގެ ސުލޫކަށް ބަދަލު ނައިސްދާނޭ ކަމުގެ ކަންބޮޑުވުން ވެސް އެ ބޭފުޅުން ފާޅުކުރެއްވި އެވެ.
ތޯރިގު ވިދާޅުވީ މިހާރު ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ ގޮތަށް ފާސްކޮށްފި ނަމަ، 50 ކޮތަޅު ހިމެނޭ ބޮޑިއަކުން ފީ ނެގުން އިސްތިސްނާ ކުރުމުން ދެ ފަހަރަށް އެ ފީ ނެގުމުގެ މައްސަލައަށް ހައްލު ލިބޭނޭ ކަމަށެވެ. އަދި އެ އިސްލާހު ގެނައުމަށް އޭނާއަށް ތާއީދު ކުރެއްވާ ކަމަށް ވިދާޅުވި އެވެ.
.
ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ފަތުހުﷲ ޖަމީލު ވިދާޅުވި ގޮތުގައި، ކޮތަޅު ފީ ޑަބަލްކޮށް ނަގާ މައްސަލައަށް އޮތް ހައްލަކީ ޖީއެސްޓީ ދައްކާއިރު އޮންނަ ގޮތަށް އިންޕުޓް އަދި އައުޓްޕުޓް ޓެކްސް އުނިކުރުމެވެ. އޭރުން ކޮތަޅު ފީ ޑަބަލްކޮށް ނެގުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމާލީ އެ އިސްލާހުތަކަށް އާ ސަރުކާރުގެ ސިޔާސަތު ކޮމިޓީއާ ހިއްސާކުރުމަށް ވަގުތު ދެމުންނެވެ. ދެން އެ އިސްލާހުގެ މަސައްކަތް ކުރިއަށް ގެންދާނީ މަޖިލީހުގެ ދެން އަންނަ ދައުރެއްގައި ކަމަށް ވެސް ކޮމިޓީގެ މުގައްރިރު ވިދާޅުވި އެވެ