
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހުޅުމާލޭގައި އަޅަން ފަށާފައިވާ ފްލެޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓުން މިހާތަށް އެންޓިކޮރަޕްޝަން ކޮމިޝަން މެދުވެރިކޮށް، ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބޭނުންވެގެން 400 އަށް ވުރެ ގިނަ ފްލެޓް ނަގައިފި އެވެ.
އޭސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އޭސީސީގެ މެމްބަރުން އިސްވެތިބެ ހައުސިން މިނިސްޓްރީގެ ޕޯޓަލްއަށް ވަދެ ފްލެޓް ލިބުނު ބައެއް މީހުންގެ މައުލޫމާތު ބަދަލުކޮށް ބައެއް މީހުންގެ ޑޮކިއުމަންޓްތައް އުނިކުރުންފަދަ ކަންކަންވެސް ކުރަމުން ގެންދާކަށެވެ. ޕޯޓަލްގެ މައުލޫމާތާ އޭސީސީއަށް ނުކުޅެވޭނެކަމަށް ހައުސިން މިނިސްޓްރީން ބުނިނަމަވެސް އޭސީސީގެ ތެރޭގައި ކުރަމުންދާ މަސައްކަތަކީ ޕޯޓަލްގެ މައުލޫމާތުތައް ބަދަލުކޮށް ގިނަ ބަޔަކު ލިސްޓުން އުނިކުރުމުގެ މަސައްކަތްކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އެގޮތުން މިއަދުގެ ނިޔަލަށް 400 އަށް ވުރެ ގިނަ މީހުންގެ މައުލޫމާތާއި ކުޅެ ލިސްޓުން އުނިވާގޮތަށް ބަދަލު ގެނެސްފައިވާކަމަށާއި އެއީ މެޑަމް ސާޖިދާ އަންގައިގެން ސާޖިދާ ބޭނުންވާ ބަޔަކަށް ފްލެޓް ދިނުމަށް ކުރަމުންދާ މަސައްކަތެއްކަމަށް އޭސީސީގެ ތެރެއިން މައުލޫމާތު ލިބޭކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
މިވަގުތަށް 400 މީހުންގެ މައުލޫމާތާ ކުޅެފައިވީ ނަމަވެސް މަޖިލިސް އިންތިހާބަށް 2000 އަށްވުރެ ގިނަ މީހުންގެ މައުލޫމާތު ބަދަލު ކުރުމަށް ނިންމާފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ. އޭގެ ބަދަލުގައި އޭސީސީގެ މެމްބަރުން ބޭނުންވާ 50 މީހަކަށް ފްލެޓް ދޭނެކަމަށް ސަރުކާރުން ބުނެފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
"ހޭލައި ތިބެގެން އޭސީސީގެ ބައެއް މެމްބަރުން އެކަން އެބަކުރޭ، ސާޖިދާ ލިސްޓަށް މީހުން ހޯދުމަށް މިހާތަނަށް 400 ފޯމާކުޅެފި. އޭސީސީގެ މެމްބަރުން ބޭނުންވާ 50 މީހަކަށް ފްލެޓް ލިބޭގޮތަށް މިކަން ކުރަނީ، އޭސީސީގެ ޓެކްނިކަލް މުވައްޒަފުންނަށްވެސް ޕޯޓަލްގެ އެކްސަސް ނުދޭ، ސީދާ މެމްބަރުން އެކަމުގައުޅެނީ. މައުލޫލާތު ލިބެނީ 2000 މީހެއްގެ ފްލެޓް އަތުލަން އުޅޭކަމަށް" އޮފިޝަލް ވިދާޅުވިއެވެ.
މާލޭ ސަރަހައްދުން އަގުބޮޑު ގޯތިތައް ކުރީ ސަރުކާރުން ދިން އިރު އޭސީސީގެ މެމްބަރުން އަނގައި ނުބުނެތިބީ އެމީހުން ބޭނުންވާ ބައެއް މީހުނަށް ގޯތި ލިބިފައިވާތީކަމަށާއި ފްލެޓް ލިސްޓަށް އޭސީސީން އަތްބޭނީ އެމީހުން ބޭނުންވާވަރަށް ފްލެޓް ދިނުމަށް ކުރީ ސަރުކާރުން އެއްބަސް ނުވުމުންނެވެ. ބަދަލުގައި މުއިއްޒުވަނީ ހުވާކުރުމަށްފަހު އޭސީސީ މެމްބަރުން ބޭނުންވާ ބަޔަކަށް މި ލިސްޓުން ފްލެޓް ދޭނެކަމަށް ބުނެފައެވެ.