މުއިއްޒުގެ ވެރިކަމަށް 22 ދުވަސް: 7 ވަނަ މާރާމާރީގައި ހުޅުމާލެއިން ކުޑަކުއްޖަކު ޒަހަމްކޮށްލައިފި

ހުޅުމާލޭގައި ހުންނަ ސެންޓްރަލް މޯލްގެ ލިފްޓު ތެރޭގައި ކުޑަކުއްޖަކަށް ތޫނު އެއްޗަލުން ހަމަލާދީ ރޭ ޒަހަމު ކޮށްލައިފި އެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ ފުރާވަރުގެ ކުއްޖަކަށް އެ މޯލްގެ ލިފްޓު ތެރޭގައި ރޭގައި ހަމަލާދީފައި ވާކަމުގެ މައުލޫމާތު ލިބިފައި ވާކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާ ކަމަށެވެ. އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ލަސްނުކޮށް ފުލުހުންނާ ހިއްސާ ކުރުމަށް އެދިފައިވެ އެވެ.

ދުވަސްތަކަކަށްފަހު އަނެއްކާވެސް ސިލްސިލާ މާރާމާރީތަކެއް މާލެއާއި އައްޑޫގައި ފެށިފައިވާއިރު، މިދިޔަ ބުދަ ދުވަހުގެ ރޭ ވެސް ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމުކޮށްލައިފަ އެވެ.

މާލެއާއި އައްޑޫގައި މާރާމާރީތައް އިތުރުވަމުންދާ ދިއުމާ ގުޅިގެން ފުލުހުން ވަނީ އެ ދެ ސިޓީގައި ވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ. އެގޮތުން އައްޑޫގައި ހިންގި އޮޕަރޭޝަންތަކުގައި މިހައިތަނަށް 12 މީހުން ހައްޔަރުކޮށް އެކަކު ދޫކޮށްލާފައިވެ އެވެ. އަދި މާރާމާރީ ހިންގުމަށް ތައްޔާރު ކޮށްފައި ހުރި ބައެއް ހަތިޔާރު ވެސް ފުލުހުން އަތުލައިގަނެގައިވެ އެވެ.