މުއިއްޒުގެ އެއްވެސް ކުލުނެއް ނެތް, މުލިއާގެއިން ވަޒީފާއިން ވަކިކޮށް ބިކަކޮށްލީ ތެލެސީމިއާ ކުއްޖެއްގެ މަންމަ!

ހައުސިން މިނިސްޓަރ ކަމުގައި ހުންނަވައި ނުފޫޒު ފޯރުވައި ދޮން އަމާ ރާއްޖެއަށް އެތެރެވިޔަ ނުދިން ކުލުނެއް ހުލްގެއް ނެތް މުއިއްޒުގެ ސަރުކާރުން މުލިއާގޭގައި މަސައްކަތް ކުރަމުންދިޔަ ތެލެސީމިއާ ކުއްޖެއެއްްގެ މަންމަ ވަޒީފާއިން ވަކިކޮށްފިއެވެ.

މުއިއްޒު ރައިސް ކަމުގެ ހުވާ ކުރެއްވުމަށްފަހު އެންމެ އިސްކަމެއްގެ ގޮތުގައި ކުރަމުން އަންނަ މަސައްކަތަކީ ސަރުކާރާއި ކުންފުނިތަކުގައި މަސައްކަތް ކުރަމުން ދާ މީހުން ވަޒީފާއިން ވަކިކޮށް މަގުމަތި ކުރުމެވެ.

އެގޮތުން ބުރާސްފަތި ދުވަހު މުއިއްޒު ވަނީ މުލިއާގޭގައި މަސައްކަތް ކުރަމުން އަންނަ ތިން މީހަކު ވަޒީފާއިން ވަކިކޮށް ބިކަކޮށްލާފައެވެ. މުލިއާގެއިން ވަޒީފާއިން ވަކިކޮށްފައިވަނީ އެތަނުގެ ކައްކާއަކާއި, ބަދިގޭގައި މަސައްކަތް ކުރާ މީހެއްގެ އިތުރުން މުލިއާގޭގައި މަސައްކަތް ކުރަމުން ދިޔަ އެކަނިވެރި މައެކެވެ. އެމީހާއަކީ ތެލެސީމިއާ ކުއްޖަކު ބަލަހައްޓަމުން އަންނަ މީހެކެވެ.

ފާއިތުވި ފަސް އަހަރު މުލިޢަގޭގައި އުޅުއްވި ރައީސް ސޯލިހުގެ އަނބިކަބަލުން މެޑަމް ފަޒުނާ ވިދާޅުވީ ވަޒީފާއިން ވަކިކޮށް މަގުމަތި ކުރި އެކަނިވެރި މަޔަކީ މަހަކު އެއްފަހަރު ލޭއަޅާ ތެލެސީމިއާ ކުއްޖެއެއް ބަލަހައްޓަމުން އަންނަ މަންމައެއް ކަމަށެވެ.

ފަޒްނާ ވިދާޅުވީ މުލިއާގޭގައި ރައީސް އިބްރާހިމް ނާސިރުގެ ދައުރުން ފެށިގެން މަސައްކަތް ކުރެއްވި ބޭފުޅުން ތިއްބެވި ކަމަށާއި އެއިން އެއްވެސް ބޭފުޅަކު ރައީސް ސޯލިހު މަގާމުން ވަކި ނުކުރައްވާކަމަށެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގަތީ މުވައްޒަފުން ވަޒީފާތަކުން ވަކި ނުކުރައްވާނެކަމަށް ވައުދުވެގެންނެވެ. ނަމަވެސް ފެންނަނީ އޭގެ އިދިކޮޅެވެ. މިހާތަނަށްވެސް 1500 އަށް ވުރެ ގިނަ މީހުން ވަނީ ވަޒީފާތަކުން ވަކިކޮށްފައެވެ.