
މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ގަސް އިންދުމާއި މާލެ ފެހި ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ސަރުކާރުގެ ކިބައިން ފެންނަނީ ގަސްތައް ކަނޑާ ހުސްކުރަމުންދާތަން ކަމަށެވެ. އަދި ވިދާޅުވީ އަމީނީ މަގު ގެ ގަސްތައް އެއްކޮށް ނަގަމުންދަނީ މާލެ ސިޓީ ކައުންސިލް އިން އެކަމާ ދެކޮޅު ހަދަމުން ދަނިކޮށް ކަމަށެވެ.
"މާލެ ސިޓީ ކައުންސިލުން ގަސް އިންދުމާއި މާލެ ފެހި ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ސަރުކާރުގެ ކިބައިން ފެންނަނީ ގަސްތައް ކަނޑާ ހުސްކުރަމުންދާތަން. އަމީނީ މަގު ގެ ގަސްތައް އެއްކޮށް ނަގަމުންދަނީ މާލެ ސިޓީ ކައުންސިލް އިން އެކަމާ ދެކޮޅު ހަދަމުން ދަނިކޮށް."
އަމީނީ މަގުގައި ތާރު އެޅުމަށް އެ މަގުގައި ހުރި ބިޔަ ގަސްތައް ކަނޑަމުން ދާތީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މޭޔަރު ގެންދަވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.
ކުރީގެ މޭޔަރުގެ އިތުރުން އަމީނީ މަގުގެ ގަސް ކަނޑާމައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި އެމައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފައެވެ.
ނަމަވެސް އަމީނީމަގު ހެދުމަށްޓަކައި، އެ މަގުގައި ހުރި ގަސްތައް ނެގުން ހުއްޓުވަން ސަރުކާރާ ދެކޮޅަށް ރައީސް ނަޝީދު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ ވެސް މިދިޔަ މާޗު މަހު ވަނީ އަނބުރާ ގެންދަވައިފަ އެވެ.
އެކަމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ ގަސްތައް ނުކަނޑައި އެމަސައްކަތް ކުރެވޭތޯ ސަރުކާރުން ބެލި ކަމަށާއި ނަމަވެސް ގަސްތައް ނުކަނޑައި އަމީނީ މަގު ހެދެން ނެތް ކަމަށެވެ. މީގެ އިތުރުން ސަރުކާރން ބުނެފައިވަނީ އަމީނީ މަގުގައި ހުރި ގަސްތަކަކީ ދުވަސް ވެފައިވާ ގަސްތަކެއް ކަމުން އެމަސަކަތް ކުރިޔަށް ގެންދާއިރު ސަލާމަތީ ގޮތުން ވެސް އެގަސްތައް ކަނޑަން މަޖުބޫރުވާ ކަމަށެވެ.
މަގު ހަދާ ނިމުމަށްފަހު އާ ގަސްތައް އެމަގުގައި އިންދުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އެމަގު ތަރައްގީ ކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.
އަމީނީ މަގަކީ ގިނަ ސްކޫލުތައް ހުންނަ މަގަކަށް ވުމުން އެމަގުގައި ހުރި ބިޔަ ގަސްތައް ކެނޑުމުން މަގު އާދަޔާ ޚިލާފަށް ހޫނުވެ އެމަގު ބޭނުން ކުރާ ފަރާތްތަކަށް އެކަމުގެ އުނދަގޫ ކުރިމަތިވާނެ އެވެ.