އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދްމަތް ކެނޑިފައިވާތާ 30 ގަޑިއިރަށް ވުރެ ގިނަ އިރުވެ އެކަމަށް ހައްލެއް ނުލިބުމުން އައްޑޫ ސިޓީ ސްކުއާގައި ހުންނަ ބޮޑު ދިދަ އަމިއްލައަށް ތިރިވެއްޖެއެވެ.
އައްޑޫގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ ސިޓީ ސްކުއާގައި ހުންނަ ބޮޑު ދިދަ ތިރިވެފައިވަނީ އައްޑޫގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފެން ނުލިބި އެބައި މީހުން ގައިން ތާހިރުވާނެ ގޮތެއް ނެތުމުން އެމަންޒަރު ބަލަން ސިޓީ ސްކުއާގައި ހުންނަ ބޮޑު ދިދައަށް ކެތް ނުކުރެވިގެންނެވެ.
"އައްޑޫ ސިޓީގެ ގުޅިފައިވާ ރައްތަކުން ފެންކެޑިފައިވަނީ ޕަންޕްތަކަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ނިޒާމަށް ދިމާވި މައްސަލައަކާއި ގުޅިގެން. އިއްޔެސުރެ ފެނަކައިގެ ހީވާގި މުވައްޒަފުން އެމައްސަލަ ރަގަޅުކުރުމަށް މަސައްކަތް ކޮއްފައިވޭ. ހަލާކުވެފައިވާ ބައި ބަދަލުނުކޮށް މައްސަލަ ހައްލުވާން ނެތުމާއި އެކު މާލެއިން އެ ސްޕެއަރ މިހާރު ވަނީ އެއަރ ފްރެއިޓް ކުރެވިފަަ. އިތުރު މައްސަލައެއް ދިމާނުވާނަމަ އިރާދަ ކުރެއްވިއްޔާ މިރޭގެ އަވަސް ގަޑިއެެއްގައި ފެނުގެ މައްސަލައަށް ހައްލު ލިބިދެވޭނެ ކަމަށް ފެނަކައިން މައުލޫމާތު ދެއްވާ" ނިޒާރު ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.
އައްޑޫ ސިޓީގެ ބޮޑު ދިދަ ދެން މައްޗަށް އެރުމަށް ނިންމާފައިވަނީ ފެނަކައިގެ ފެން ޕްލާންޓަށް ބޭނުންވާ ސްޕެއާ މާލެއިން ލިބި ފެން ލިބެން ފެށުމުން ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.