މުއާޒު ފެނަކައިގެ ބައެއް ސަޕްލަޔަރުންނާއި އެކު ސިއްރު ބައްދަލުވުން ބާއްވަނީ

ފެނަކަ ކޯޕަރޭޝަންގެ ބައެއް ސަޕްލަޔަރުންނާއި އެކު އާ އެމްޑީ މުއާޒު މުހައްމަދު ރަޝީދު ސިއްރު ބައްދަލުވުން ބާއްވަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމެންޓު މުވައްޒަފުން ބުނެފިއެވެ.

ކުރުސީއަށް ވިސުލްބްލޯ ކުރި ބައެއް މުވައްޒަފުން ބުނީ މުއާޒު މަގާމާއި ހަވާލުވީ ފަހުން އަދި މިހާތަނަށް ހަރުދަނާ މަސައްކަތެއް ނުކުރެވޭއިރު އޭނާ އަންނަނީ އެތަނުގެ ބައެއް ނުފޫޒުގަދަ ސަޕްލަޔަރުންނާއި އެކު ސިއްރު ބައްދަލުވުން ބާއްވަމުންނެވެ. އަދި އޭގެ ބައެއް ފަރާތްތަކަށް ފައިސާ ދިނުމަށް ބާރު އަޅަމުން އަންނައިރު އޭގެ ތެރެއިން ގިނަ ފަރާތްތަކަކީ ކުންފުނީގެ ބްލެކް ލިސްޓު ކުރެވިފައިވާ ސަޕްލަޔަރުންނެވެ.

ފެނަކަ ކޯޕަރެޝަނުން ސަޕްލަޔަރުންނަށް ދައްކަން ޖެހޭ 1.4 ބިލިއަން ރުފިޔާ ހުރި އިރު އެ ފައިސާ ނުލިބިގެން ސަޕްލަޔަރުން އަންނަނީ ފެނަކަ ފަހަތުން ދުވަމުންނެވެ.

ފެނަކަ ޕްރޮކިއުމެންޓު މުވައްޒަފު ބުނީ ކޮންމެ ވެރިއަކު އެކުންފުންޏަށް އަޔަސް ސަޕްލަޔަރުންނާއި އެކު ފުރަތަމަވެސް ޑީލް ހައްދަވާ ކަމަށާއި, މިހާރުވެސް ކުންފުނީގައި ގިނައީ މުއާޒު ނިސްބަތްވާ ހުވަދޫ މީހުން ކަމަށެވެ. އަދި ކުރިން ސައީދުގެ އެމްޑީކަމުގައިވެސް އެކުންފުނީގައި އޮތީ ހުވަދޫ ސަޕްލަޔަރުންނާއި ހުވަދޫ މުވައްޒަފުންގެ ނުފޫޒު ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު އަނެއްކާ ފެންނަން ފަށައިފި ކުރިއަށްވުރެ ދޯދިޔާކޮށް ކަންތައްވަމުން އަންނަތަން, އަދި ހަފްތާއެއްވީ އެކަމަކު އެމްޑީ ވަށާލާފައިތިބީ އެއްްކަލަ ސަޕްލަޔަރުންނާއި އެޑީލް ކުރާ މުވައްޒަފުން އެމީހުންގެ ޖީބަށް ވެއްޓިފައި އެމްޑީ ހުރީ. އަދި އެމްޑީއަކީ މިވަރުގެ ކުންފުންޏެއް ހިންގޭވަރު މީހެއްހެން އަދި މިވީ މުއްދަތުގެ ތެރޭގައި މެނެޖްމަންޓުގައި ދެކެވުނު ވާހަކަތަކާއި ކުރެވޭ ކަންކަމުން އެބަފެނޭ" ސީނިއާ މެނޭޖްމަންޓުގައި ހިމެނޭ މުވައްޒަފަކު ކިޔާދިނެވެ.

ފެނަކައިގެ އެހެން މުވައްޒަފަކު ބުނީ މިދިޔަ އަހަރުތަކަށްވުރެ ކުންފުނީގެ މުސްތަގްބަލް އަދި ފެންނަނީ ބަނަކޮށް ކަމަށެވެ. އެގޮތުން މިހާރު އަތޮޅުތެރޭގައި ހިންގަމުން އަންނަ ޕްރޮޖެކްޓުތައް ހުއްޓި އެތައް ބަޔަކު ވަޒީފާއިން ކަނޑަން ހިފާފައިވާއިރު އެމްޑީ އަދި ރެއާއި ދުވާލު އުޅުއްވަނީ ވަކިވަކި ސަޕްލަޔަރުން ފަހަތުން ކަމަށެވެ.

"ހީވަނީ މިހާރުވެސް ޑީލް ހައްދަވައިފިހެން, އެހެން މިބުނީ ބައެއް ސަޕްލަޔަރުން ކުއްލިއަކަށް ވަރަށް ގަދަވެއްޖެ, އެމީހުން ގުޅަމުން އެބަދޭ ކުންފުނީގެ ބައެއް ސްޓާފުންނަށް, އެމްޑީ ބުންޏޭ މިވެނި އެއްޗެއް ބޭނުންވާނެއޭ, މިލިބެން އެބަހުއްޓޭ, ފައިސާ ފަހުން ހަމަޖައްސާލަން މައްސަލައެއް ނެތޭ" އަދި ވަރަށް އުނދަގޫކޮށް މިދަނީ.

ފެނަކައިގެ ދަރަންޏާ ގުޅޭ ގޮތުން ކުންފުނީގެ ކުރީގެ އެމްޑީ ސައީދު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގައި ކުންފުނީގެ ދަރަންޏަށް އިތުރުވެފައިވަނީ 1.9 ބިލިއަން ރުފިޔާ ކަމަށެވެ. އަދި އޭގެ މައިގަނޑު ސަބަބު ތަކުގެ ތެރޭގައި ރަށްރަށަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމުކުރަން ކުރީ ސަރުކާރުތަކުން ނުކުރާ ހަރަދު މި ސަރުކާރުން ކުރަންޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދު މި ހިންގި ޕްރޮޖެކްޓްތަކުގެ ތެރެއިން ގިނަ ޕްރޮޖެކްޓްތަކަކީ 2024 ވަނަ އަހަރުގަ އެޕްރީލް މަހާ ހަމައަށް ނިންމަން އަޅުގަނޑުމެން ޓާގެޓްކޮށްފައިވާ ޕްރޮޖެކްޓްތަކެއް. އެހެންވީމާ އަޅުގަނޑުމެންގެ ފޯކާސްޓު ދައްކާ ގޮތުން 2027 އަހަރު ނިމޭއިރުގަ ފެނަކައަށް ލިބޭ އާމްދަނީން ފެނަކައިގެ ދަރަނި ދައްކަމުން ގޮސްފަ ހަމަ ގާތްގަނޑަކަށް 90 އިންސައްތަ ދަރަނި އަޅުގަނޑުމެންނަށް ހަލާސްކުރެވޭނެ" ސައީދު ވިދާޅުވިއެވެ.