ފެކްޓު ޗެކު: ވިނަރެސް އިންޓްރެސްޓު ރޭޓޫ 6 ޕަސެންޓަށް ދަށްކުރީ ރައީސް އިބޫ, އާބަންކޯ އެމްޑީ ފަޒުލް ހެދީ ދޮގު!

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސްގެ ފްލެޓްތަކުގެ އިންޓްރެސްޓް ރޭޓް 9 ޕަސެންޓުން 6 ޕަސެންޓަށް ރައީސް ޑރ. މުއިއްޒު ދަށްކޮށްދެއްވި ކަމަށް ބުނެ އާބަންކޯގެ އެމްޑީ ފަޒުލް ރަޝީދު ބޮޑު ދޮގެއް ހަދައިފިއެވެ.

ދޮގާއި, އޮޅުވާލުމާއި މަކަރުން ވެރިކަމަށް އައި ޑރ. މުއިއްޒު ވިނަރެސްގެ އިންޓްރެސްޓު ރޭޓޫ ކުޑަކުރިކަމަށް ނިންމީ އަންގާރަދުވަހު ބޭއްވި ކެބިނެޓު މިޓީންގައެވެ. މުއިއްޒު މި ގޮތަށް ނިންމެވި އިިރު 22 އޮކްޓޯބަރ 2023 ގައި ރައީސް ސޯލިހް ވަނީ ވިނަރެސް ފްލެޓުގެ އިންޓަރެސްޓޔ ރޭޓު 6 ޕަސެންޓަށް ތިރިކޮށްފައެވެ.

ރައީސް ސޯލިހު ވިނަރެސްގެ އިންޓްރެސްޓު ރޭޓު 6 ޕަސެންޓަށް ތިރި ކުރުމާއި ގުޅިގެން އޭރު އާބަންކޯއިން ވަނީ ވިނަރެސް ފްލެޓު ލިބުނު ފަރާތްތަކަށް ދައްކަން ޖެހޭ ޑައުންޕޭމަންޓު ކުޑަވި ކަމާއި ފްލެޓުގެ އަގު ކުޑަވިކަން އަންގާފައެވެ. އަދި އާބަންކޯ އިން އައީ އެ ފަރާތްތަކާއި އެކު އެއްބަސްވުން ހަދަމުންނެވެ.

ވިނަރެސް ފްލެޓްތަކަށް ކުރިން ކަނޑައަޅާފައިއޮތީ 9 އިންސައްތައިގެ އިންޓްރެސްޓް ރޭޓެކެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ވިނަރެސްގެ ޑައުންޕޭމަންޓާއި ކުލީގެ އަގު ބޮޑުވުމުގެ ކަންބޮޑުވުން ފްލެޓް ލިބުނު ފަރާތްތަކުންވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފައެވެ.. 

ރައީސް ސޯލިހް ވިނަރެސް ފްލެޓްގެ ވެރިފަރާތްތަކަށް މި ދެއްވި ލުޔާއި ގުޅިގެން އެ ހަބަރު ދައުލަތުގެ މީޑިޔާ ޕީއެސް އެމް އިންވެސް ވަނީ ގެނެސް ދީފައެވެ. 

https://psmnews.mv/127587

މީގެ އިތުރުން، ސަރުކާރު ކުންފުންނެއްގެ ކަމެއް، ކެބިނެޓަށް ނުނިންމޭނެއެވެ. ކެބިނެޓުން ލަފާ ދެއްވާފިނަމަ، އެކަން ކުރަން ޖެހޭނީ، އާބަންކޯގެ ނުވަތަ އެ ނިސްބަތްވާ ކުންފުންޏެއްގެ ބޯޑަށް ހުށައަޅައި އެގޮތަށް އެކަން ނިންމުމުންނެވެ. އިއްޔެގެ ކެބިނެޓް ބައްދަލުވުމާއި ގުޅިގެން އާބަންކޯއިން ބޯޑު މީޓިންގއެއް ބާއްވާފައެއްވެސް ނުވެއެވެ 

ފަޒުލް ރަޝީދު އާބަންކޯގެ އެމްޑީ ކަމަށް ވަޑައިގެން ބޮޑު ދޮގެއް ހަދައި ރައްޔިތުން އޮޅުވާލުމަށް މަސައްކަތް ކުރި ނަމަވެސް ހަގީގަތަކީ ރައީސް މުއިއްޒުގެ ސަރުކާރުން، ވިނަރެސް ފްލެޓްގައި ތިބި ފަރާތްތަކަށް އެއްވެސް ލުޔެއް ދީފައިނުވެއެވެ.

މުއިއްޒު އަންނަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވި ވައުދުތައް އޮޅުވާލަމުންނެވެ. އެގޮތުން ހިޔާ ފްލެޓުގެ ފިނިޝިންއަށް ދިޔަ ފައިސާ އަށްވާ 200,000 ރުފިޔާ އެޗްޑީސީ މެދުވެރިކޮށް ލޯނު ނަގައިގެން ނަމަވެސް ދޭނެކަމަށް ވިދާޅުވެ ފަހުން ވަނީ އެކަން ހިޔާ ފްލެޓުގެ ކުލި ކުޑަކޮށް ދޭން ނިންމާފައެވެ. އެކަމަކު ހިޔާ ފްލެޓު ކުލި ކުޑަކުރުމަކީވެސް މުއިއްޒުވީ އެހެން ވައުދެކެވެ.