ގާނޫނާ ހިލާފު ކަމަށް ބުނެ ބާތިލުކުރަން ކޯޓަށް ދިޔަ "އިންޑިއާ އައުޓް" ގަރާރާ މެދު މި ސަރުކާރަށް ގޮތެއް ނުނިންމޭ!

މި ހިނގަމުންދާ ސަރުކާރުގެ ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު ކުރިއަށްގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމަށް އަމާޒުކޮށް "އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން" ނަމުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރު ބާތިލުކުރުމާ މެދު މި ސަރުކާރުން އަދިވެސް ގޮތެއް ނިންމާފައި ނުވާކަން ހާމަވެއްޖެ އެވެ. 

"އިންޑިއާ އައުޓް" އެ ހަރަކާތަކީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރޭވިގެން ހިންގާ ކެމްޕޭނެއްގެ ގޮތުގައި ސިފަކޮށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވައި ރިޔާސީ ގަރާރެއް ނެރުއްވީ އެޕްރީލް 21, 2022 ގަ އެވެ

އެ ގަރާރުގައި އެ ހަރަކާތް ހުއްޓުވުމަށް ދައުލަތުގެ އިދާރާތަކަށް އަންގާފައި އޮތްއިރު އެއާ އެކު ކޯޓު އަމުރެއްގެ ދަށުން މާލޭގެ އެކި އިމާރާތްތަކުގައި ދަމާފައި ހުރި "އިންޑިއާ އައުޓް" ބެނާތަކެއް ވެސް ފުލުހުން ނެގި އެވެ.

އެ ގަރާރާ ގުޅޭގޮތުން ސުވާލުކުރުމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ ގާނޫނީ ގޮތުން ކުރަންޖެހޭ ދިރާސާތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. 

އަދި, ގަރާރު ބާތިލުކުރުމުގެ މަސައްކަތް ކުރިއަށްދޭތޯ އެހުމުން ވިދާޅުވީ ދިރާސާ ކުރަމުންދަނީ "ވަކި ނިޔަތެއް އޮވެގެން ނޫން," ކަމަށެވެ. 

އެ ގަރާރު ނެރުނު ދުވަހު މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ހާއްސަ އެޑްވައިޒަރު އަބްދުރަހީމް އަބްދުالله އާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އަދި ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް ނޫސްވެރިންނާ ބައްދަލުކުރެއްވި އެވެ.

އެ ގަރާރަކީ ޣައިރު ގާނޫނީ އަމުރެއް ކަމަށާއި އަދި އެއީ ރައްޔިތުންނާ ދެކޮޅަށް ނެރުނު ގަރާރެއްގެ ގޮތުގައި އެ ބޭފުޅުން އެ ދުވަހު ސިފަކުރެއްވި އެވެ. އޭގެ އިތުރުން އެ ސަރުކާރުން ރާއްޖޭގައި ނަސްލީ ތަފާތުކުރުން އުފައްދަން އުޅޭ ކަމަށް ވެސް އެބޭފުޅުން އެ ދުވަހު ވިދާޅުވި އެވެ. 

"އެއީ ކަނޑައެޅިގެން ދިވެހި ރައްޔިތުުންނާ ދެކޮޅަށް ނެރުއްވި ގަރާރެއް. އެއީ ގާނޫނުއަސާސީއާ ގާނޫނުތަކާ ހިލާފް ގަރާރެއް. އަޅުގަނޑުމެން މިހާރުން މިހާރަށް މި މަސައްކަތްކުރަނީ އެ ގަރާރު ހިފައިގެން ކޯޓަށް ދާން،" ރައީސް މުއިއްޒުގެ މުޅި ސަރުކާރުގައި ވެސް ހިމެނިވަޑައިގަންނަވާ އެންމެ ބާރުގަދަ ބޭފުޅާ ކަމަށްވާ ޕީއެންސީގެ އޭރުގެ ރައީސް އަދި މިހާރުގެ ޗެއާމަން އަބްދުއްރަހީމް އެ ދުވަހު ވިދާޅުވެފައިވެ އެވެ. 

އެ ގަރާރުގައި ދައުލަތުގެ އިދާރާތަކުގެ މައްޗަށް އަންގާފައިވާ އެންގުންތަކަކީ ތަބާވާންޖެހޭ އެންގުންތަކެއް ނޫން ކަމަށާއި އެ ގަރާރުގައިވާ އަމުރުތަކަށް ތަބާނުވުމަކީ ގާނޫނުއަސާސީގެ 64 މާއްދާގެ ދަށުން ކޮންމެ މީހަކަށް ލިބިގެންވާ އަސާސީ ހައްގެއް ކަމަށް ބުނެ އެ ގަރާރު ބާތިލުކުރުމަށް ހައި ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ.

އެ މައްސަލަ ކޯޓަށް އޭރު ހުށަހެޅީ މުޅި "އިންޑިއާ އައުޓް" ކެމްޕޭންގެ އެންމެ ހަރަކާތްތެރިކޮށް ފެނުނު "ދިޔަރެސް" ނޫހުގެ ތިން މަސްއޫލުވެރިންގެ ފަރާތުންނެވެ. 

ހައި ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބެލި މައްސަލައިގައި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ ރައީސްގެ ގަރާރަކީ ގާނޫނެއްގެ ދަރަޖަ ދެވޭނެ އެއްޗެއް ނޫން ކަމަށާއި އެހެންވެ، އެއީ ދުސްތޫރީ މައްސަލައެއް ކަމުގައި ނުބެލެވޭނެ ކަމަށެވެ. އަދި މި މައްސަލަ ބެލުމުގެ އިހްތިސާސް ހައި ކޯޓަށް ލިބިގެން ނުވާ ކަމަށެވެ.

އޭގެ އިތުރުން ގަރާރަކީ ގާނޫނު އަސާސީއާ ހިލާފު ގަރާރެއް ކަމަށް ކަނޑައި ދިނުމަށް ސިވިލް ކޯޓަށް ވެސް ޕީޕީއެމް/ޕީއެންސީން މައްސަލައެއް ހުށަހެޅި އެވެ. 

އޭރު އިދިކޮޅުގައި ތިއްބެވި މިހާރު ސަރުކާރުގެ ބޭފުޅުން އެ ގަރާރު ގާނޫނާ ހިލާފު ކަމަށް ގަބޫލުކުރެއްވީ، އެ ގަރާރުގެ ސަބަބުން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމާއި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގު ހަނި ކުރެވިގެންދާތީ ކަމަށް ބުނެ އެވެ.

ރައީސް މުއިއްޒުގެ މުޅި ރިޔާސީ ކެމްޕޭން ބިނާކުރެއްވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާއި އެއްބަސްވުންތައް ހާމަކުރުމުގެ ވައުދާ އެކު އެވެ. ނަމަވެސް, މިއަދާ ހަމައަށް އައިއިރު ވެސް ސަރުކާރުގެ ފަރާތުން އާންމުންނަށް މިކަމުގައި އެކަށީގެންވާ މިންވަރަށް މައުލޫމާތު ފޯރުކޮށްދީފައި ނުވެ އެވެ. މި ކަންކަމާ ގުޅޭ ސާފު މައުލޫމާތު ހާމަނުކުރާތީ އާންމުންގެ ފާޑުކިޔުން ވެސް ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.