
ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 1500 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކި ކުރަން ނޯޓިސްދޭން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނަކައިން ވަކި ކުރާ މުވައްޒަފުންގެ ތެރޭގައި ކޮންޓްރެކްޓު ސްޓާފުންނާއި އެތަނުގައި މަސައްކަތް ކުރާތާ ދުވަސްވީ މުވައްޒަފުން ހިމެނެއެވެ.
ފެނަކައިގެ އިސް އޮފިޝަލަކު ބުނީ އެކުންފުނިން ވަކި ކުރާ މުވައްޒަފުންގެ ތެރޭގައި 2018 ވަނަ އަހަރު ރިޔާސީ އިންތިހާބާއި ދިމާކޮށް އޭރު ޕީޕީއެމްއިން ވަޒީފާތަކަށް ވެއްދި ގިނަ މުވައްޒަފުން ހިމެނެއެވެ. އެމުވައްޒަފުންނަށް ދާއިމީ ކޮންޓްރެކްޓުދީ ފެނަކައިގެނ މުވައްޒަފުންނަށް ބަދަލު ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ.
ފެނަކައިގެ މުވައްޒަފުން ވަކި ކުރުމާއި ގުޅޭގޮތުން ކުންފުންޏާއި ދާދޮ ފަހުން ހަވާލުވި މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ މަގާމުން ވަކި ކުރާ މުވައްޒަފުންނަކީ ވަގުތީ ކޮންޓްރެކްޓުގައި ތިބި މުވައްޒަފުން ކަމަށެވެ.
ފެނަކައިގެ ވަޒީފާއިން ވަކި ކުރުމަށް ނޯޓިސް ދީފައިވާ މުވައްޒަފަކު ބުނީ އެމީހުން ވަޒީފާއިން ވަކި ނުކުރާނެކަމުގެ ޔަގީންކަން ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ދެއްވި ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި 15 އޮގަސްޓު 2023 ގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުގައި ވަޒީފާތަކުގައި ތިބި މީހުން އެއްވެސް މީހަކު ބާކީއެއް ނުވާނެ ކަމަށާއި، ވަޒީފާއިން ވަކި ނުކުރައްވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާ ކަމަށެވެ.
"ރައްޔިތުން ޝައްކު ނުކުރައްްވާށޭ، ރައްޔިތުން ޔަގީން ކުރައްވާށޭ، އަޅުގަނޑުމެންގެ ސަރުކާރެއްގައި އެންމެ އިސްކަން ދޭނެ ކަމަކީ ހުރިހާ ރައްޔިތުންގެ ގެދޮރުވެރިކަމުގެ ހައްގު ތި ހުރިހާ ރައްޔިތުންނަށް ހޯދާ ދިނުންކަން". ޑރ. މުއިއްޒު ވިދާޅުވިއެވެ."ވަޒީފާ ލިބި ޒުވާނުންނާއި އެކި އުމުރު ފުރައިގެ ފަރާތްތަކަށް އެ ލިބެނީ އިގްތިސޯދީ ބާރުވެރިކަން، އަމިއްލަ މިނިވަންކަން، އަމިއްލަ ފުދުންތެރިކަން ގާއިމްވެގެން ދަނީ. މުއިއްޒު ވިދާޅުވިއެވެ.
ނަމަވެސް މިހާރު ސަރުކާރުގެ ގިނަ ކުންފުނިތަކުން ލިސްޓު ހަދައި މުވައްޒަފުން ވަޒީފާއިން ސަސްޕެންޑުކޮށް ވަކި ކުރުމަށް ވަނީ ފަށާފައެވެ.