9 މިނިސްޓްރީއަށް 70 އަށް ވުރެ ގިނަ ނައިބުން އައްޔަންކޮށްފި

ސަރުކާރުގެ ނުވަ މިނިސްޓްރީއަކަށް އިތުރު ނައިބު ވަޒީން، ރައީސް މުހައްމަދު މުއިއްޒު އިއްޔެ އައްޔަންކުރައްވައިފި އެވެ. އެއާ އެކު، މިހާތަނަށް މިނިސްޓްރީތަކަށް އައްޔަން ކުރި ނައިބު ވަޒީރުންގެ އަދަދު ވަނީ 70އިން މައްޗަށް އަރާފަ އެވެ. 

ވީ ކިހިނެއް؟ - ރައީސް އޮފީހުގެ ވެބްސައިޓުގައި މިއަދު ޝާއިރުކުރި ހަބަރެއްގައިވާ ގޮތުން، ނުވަ މިނިސްޓްރީއަކަށް، ކޮންމެ ތަނަކަށް އެއް ނައިބު މިނިސްޓަރަކު ވަނީ އައްޔަންކުރައްވާފަ އެވެ. 

ތަފްސީލު - ނައިބުންނަށް އައްޔަންކުރެއްވި ބޭފުޅުން: 

ފޮރިންގެ ނައިބަކަށް: އަލީ ޖަނާހް، ހއ. ބާރައް/ސައުދީ މަންޒިލް 

ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް: މުހައްމަދު އާރިފް، ށ. ކަނޑިތީމު/ރަތްވިލާގެ  

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ: މަރްޔަމް ޝިފާނާ އަލީ ސަލީމް، ހ. މެލްބަން 

ފިނޭންސް: ހަސަން މިރާސް، މއ. މާފުނަ 

އެޑިއުކޭޝަން: އާމިނަތު މުނާ،  ދ. ބަނޑިދޫ/ލަކީސްޓާ

ޓޫރިޒަމް: އަހްމަދު މާއިސް، ނ. ވެލިދޫ/ވެލާނާގެ 

ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް: އިބްރާހީމް އަލީމް، ގއ. ކޮލަމާފުށި/ރޯޅި 

އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ: ފާތިމަތު ޒުހުރާ، ވ. ފައުނު 

 ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް: އަބްދުﷲ މަހުޒޫމް މާޖިދު، ނ. ކުޑަފަރި/ބަގީޗާގެ

ފާހަގަކޮށްލެވޭ ކަމެއް - އިއްޔެ އައްޔަންކުރެއްވި ނައިބުންނާ އެކު، 21 މިނިސްޓްރީއަށް މިހާތަނަށް 72 ބޭފުޅަކު ވަނީ މިނިސްޓަރުގެ ނައިބުންގެ ގޮތުގައި އައްޔަންކުރައްވާފަ އެވެ. އެގޮތުން: 

މިދިޔަ މަހުގެ28ގައި: 26 ނައިބުން

މިދިޔަ މަހުގެ 29ގައި: 20 ނައިބުން

މިދިޔަ މަހުގެ 30ގައި: 17 ނައިބުން

އެހެންކަމުން، އެވްރެޖްކޮށް 21 މިނިސްޓްރީއަށް ތިން ނައިބުން ތިއްބަވާނެ އެވެ. ޖުމްލަ ހަތް ނައިބުންނާ އެކު އެންމެ ގިނަ ނައިބުން އައްޔަންކުރައްވާފައިވަނީ، އެންމެ މެންޑޭޓް ބޮޑުކޮށް އޮތް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއަށެވެ.

މިނިސްޓްރީތަކުގެ އިތުރުން، ރައީސް އޮފީހުގައި މިހާރު ވެސް ނައިބުންގެ ފެންވަރުގައި ހަތް ބޭފުޅަކު އެބަ ތިއްބެވި އެވެ. 

އެނގުން މުހިންމު - ރައީސް ކެމްޕެއިނާއި އިންތިގާލީ މަރުހަލާގައި ވިދާޅުވެފައިވާ ގޮތުން، މި ސަރުކާރުގެ ސިޔާސީ މަގާމުތައް 700ގައި ހިފަހައްޓަވާނެ އެވެ.