ރާއްޖޭގެ ބިން ވިއްކައިގެންވެސް އާމްދަނީ އިތުރު ކުުރާނަން: މުއިއްޒު

ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް އެސްއީޒެޑްގެ ތެރެއިން ރާއްޖޭގެ ބިން ވިއްކައިގެން އާމްދަނީ އިތުރު ކުރާނެކަމަށް ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒުގެ ވެރިކަމެއްގައި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ރާވާފައިވާ ގޮތާއި ގުޅޭގޮތުން މައުލޫމާތު ދެމުން މުއިއްޒު ވިދާޅުވީ އެސްއީޒެޑްގެ ގާނޫނު ރަނގަޅަށް ތަންފީޒުކޮށް އެސްއީޒެޑްގެ ތެރެއިން އިންވެސްޓަރުން ހޯދާނެކަމަށެވެ. އެގޮތުން ފަޅުތަކާއި ރަށްތައް ބޭރުގެ ފަރާތްތަކަށް ވިއްކުމަށްވަނީ ރާވާފައެވެ.

އެސްއީޒެޑްގެ ދަށުން ޕީޕީއެމް ވެރިކަމުގައި ވިއްކި ރަށްތަކާއި ފަޅުތަކަށް ލިބުނު ފައިސާގެ ބޮޑުބައެއް އޭރު ޖަމާ ކުރީ ރައީސް ޔާމީންގެ އެކައުންޓަށެވެ. އަނެއްބައި ފައިސާ ވަނީ ޕީޕީއެމް އިސް ބައެއް ބޭފުޅުންގެ މެދުގައި ބަހާފައެވެ.

އިގްތިސާދީ ގޮތުން ރާއްޖެއަށް ކުރިއެރުން ހޯއްދަވާނެ ކަމަށް މުއިއްޒު ވިދާޅުވި އިރު ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރ ކަމުގައި ހުންނަވައި އެޅި ސިނަމާލެ ބްރިޖު އެޅި ކުންފުނިން ޑރ. މުއިއްޒުގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ވަނީ ޖަމާވެފައެވެ. އޭގެ ތަފްސީލުވެސް ވަނީ ނޫސްތަކުން ގެނެސްދީފައެވެ.

މުއިއްޒުގެ މެެނިފެސްޓޯގައި ރާއްޖެއަށް ބޭރު ފައިސާ އިތުރަށް ވަންނާނެކަމަކަށް ބުނާ އެސްއީޒެޑަކީ ޕީޕީއެމްގެ ވެރިކަމުގައި ފާސްކޮށްފައި އޮތް ޤާނޫނެކެވެ. ވެރިކަން ނިމިގެންދިޔައިރުވެސް އެއްވެސް މަންފާއެއް އެޔަކުން ނުލިބެއެވެ. ވީއިރު ދެން ވަކި އެއިންމަންފާއެއް ކޮށްފާނެކަމަށް ބަލާނީ ކޮން ހަމައަކުންތޯ އާއްމުން އަންނަނީ ސުވާލު އުފައްދަމުންނެވެ.