ފެކްޓު ޗެކް: ވައުދުވީ 200،000ރ. ފައިސާ ދޭން، ލިބެނީ 110،526ރ ކުލި ކުޑަކުރުމެއް, ބޮޑު އޮޅުވާލުމެއް

ހިޔާ ފްލެޓުތައް ނިންމަން ހިނގި އެވްރެޖު ހަރަދަކީ 200،000ރ. ކަމަށް ބަލައި، ކޮންމެ ފްލެޓަކަށް އެ ފައިސާ ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދު ފުއްދުމަށް ކެބިނެޓުން މިއަދު ނިންމީ، ފްލެޓުގެ ކުލި ހަތް އަހަރު ދުވަހަށް ކުޑަކުރުމަށެވެ. އެ ނިންމުމާއެކު ދެން ދައްކަން ޖެހޭނީ މަހަކު 3984.21ރ. އެވެ. 

"މިހާރު އިންނަ ގޮތުން ވިއްޔާ ކުރިއަށް އޮތް ހަތް އަހަރަށް ދައްކަން ޖެހޭނީ 5300 މިހާރު އެގްރިމެންޓް ހެދިފައި އޮތް ގޮތުން. އެހެންވީމާ އެ ހަތް އަހަރު ދުވަހަށް ދެން ދައްކަން ޖެހޭނީ މަހަކު 3984.21 ރުފިޔާ. 3،984ރ. އަށް ކުޑަވަނީ ހިޔާ ފްލެޓްތަކުގެ އަގު ކުރިއަށް އޮތް ހަތް އަހަރު ދުވަހަށް، މިހާރު އެގްރިމަންޓަށް ބަދަލެއް އައިސް، މުއްދަތަށް ބަދަލެއް ނައިސް އިފެކްޓިވްލީ ދެ ލައްކަ ރުފިޔާ ކޮންމެ ފްލެޓަކުން އަޅުގަނޑުމެން މި އުނިކޮށްދެނީ،" މިއަދު ހެނދުނުން ފެށިގެން ހަވީރު ވަންދެން ބޭއްވި ކެބިނެޓު ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

ހިޔާ ފްލެޓުގެ 16 ޓަވަރުގައި 7،620 ފްލެޓު އެބަ ހުއްޓެވެ. އެތަންތަނުގެ ފުރަތަމަ ކުއްޔަކީ މަހަކަށް 7،500ރ. އެވެ. ނަމަވެސް ފްލެޓުވެރިންގެ ޝަކުވާއާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި އަހަރުގެ މެއި މަހު، ކުލި 5،300ރ. އަށް ކުޑަކުރި އެވެ. އެއީ ހަތް އަހަރު ދުވަހުގެ މުއްދަތަށެވެ. މި ބަދަލު ގެނައީ ކުލީގެ މުއްދަތު 25 އަހަރުން 27 އަހަރަށް ދިގު ދަންމާލައިގެންނެވެ. އެހެންވެ، މަހު ކުލި ކުޑަވިޔަސް، ޖުމުލަ އަގު ކުޑައެއް ނުވެ އެވެ. 

އެ ބަދަލާއެކު 5،300ރ ކުލި ދައްކަން ފެށީ ޖޫން މަހުން ފެށިގެންނެވެ. ލުއި ދިން ހަތް އަހަރުގެ މުއްދަތު ހަމަވާނީ މެއި 2030 ނިޔަލަށެވެ. 

ރައީސް މުއިއްޒު ވެސް ވިދާޅުވީ ހަތް އަހަރަށް ކުލި ކުޑަކޮށްދިން ކަމަށެވެ. "މުއްދަތަށް ބަދަލެއް ނައިސް އިފެކްޓިވްލީ ދެ ލައްކަ ރުފިޔާ ކޮންމެ ފްލެޓަކުން އަޅުގަނޑުމެން މި އުނިކޮށްދެނީ" ކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން، އެއީ ކުރީގެ ސަރުކާރުގެ ހަތް އަހަރުގެ މުއްދަތު ކަމަށް ބެލުމުގެ ޖާގަ އެބަ އޮތެވެ. 

އެގޮތަށް ބަލާނަމަ ރައީސް މުއިއްޒުގެ ސަރުކާރުން ދިން ލުއިގެ މުއްދަތު ހިނގާނީ މެއި 2030 ގެ ނިޔަލަށެވެ. އޭރުން ލުއި ލިބޭނީ 77 މަސް ދުވަހަށެވެ. ދެވަނަ ހާލަތަކީ ބަރާބަރު ހަތް އަހަރުގެ މުއްދަތެއް ފެށުމެވެ. އެހެން ބަލާނަމަ 84 މަސް ދުވަސް ހަމަވާނީ ޑިސެމްބަރު 2030 ގެ ނިޔަލަށެވެ.

200،000ރ. ލިބޭތަ؟

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި، ސެޕްޓެމްބަރު 13 ގައި އޭރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު ވައުދުވެވަޑައިގަތީ ފްލެޓުތައް ނިންމުމަށް ހަރަދުވި ފައިސާގެ އެވްރެޖު އަގެއްގެ ގޮތުގައި 200،000ރ. ދިނުމަށެވެ. އެއީ 7،620 ފްލެޓަށް ހިސާބުކުރާ ނަމަ 1.34 ބިލިއަން ރުފިޔާގެ ވައުދެކެވެ. ބޮޑު ވައުދެކެވެ.

ސަރުކާރުން މިއަދު ނިންމި ނިންމުމުގައި ހަމައެކަނި ހިމެނެނީ ކުއްޔަށް ގެނައި ބަދަލެވެ. ކޮންމެ ފްލެޓަކަށް ދެ ލައްކަ ރުފިޔާ އުނިކޮށް ދެނީ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އެ މަނިކުފާނު ވިދާޅުވި ކުލި ކަމުގައިވާ 3984.21ރ. އިން ހިސާބުކުރާއިރު، ހަތް އަހަރުގެ މުއްދަތުގައި ދެ ލައްކަ ރުފިޔާގެ ލުޔެއް ނުލިބެ އެވެ. ލިބެނީ ބަރާބަރު 110،526.36ރ. އެވެ. 

ތަންކޮޅެއް ފަސޭހަ ކޮށްލާނަމެވެ. ކުއްޔަށް ގެނައި ބަދަލަކީ 3،984.21ރ އެވެ. އެއީ މަހަކަށް 1315.79ރ. ގެ ލުޔެކެވެ. އަހަރަކަށް ބަލާނަމަ 15،789.48ރ. އެވެ. އަދި ހަތް އަހަރަށް 110،526.36ރ. އެވެ. 

ކުރިން ފާހަގަ ކުރި ދެ ހާލަތަށް ވިސްނާށެވެ. ފުރަތަމަ ބުނި ގޮތަށް، ކުރީ ސަރުކާރުގެ އެގްރީމެންޓުގެ މުއްދަތަކަށް ބަދަލެއް ނުގެނެސް ލުއި ދޭނަމަ ލިބޭނީ 77 މަސް ދުވަހަށެވެ. އެގޮތަށް ބަލާނަމަ ފުލެޓަކަށް ލިބޭ ޖުމުލަ ލުޔަކީ 101،315.83ރ. އެވެ.

ރައީސް މުއިއްޒު ވިދާޅުވި 200،000ރ ގެ ވައުދު، މިހާރު ކަނޑައަޅާފައިވާ މުއްދަތުގައި ފުއްދޭނެ އެންމެ ގާތް ފޯމިއުލާއަކީ މެއިންޓެނެންސް ފީ ހިމެނުމެވެ. އޭރުން މަހަކު ލިބޭ ލުއި 2315.79ރ. އަރާނެ އެވެ. އެއީ ހަތް އަހަރަށް ބަލާނަމަ 194،526.26ރ. އެވެ. ނަމަވެސް، މިހާރު ކަނޑައަޅާފައިވާ ގޮތުން މެއިންޓެނެންސް ފީ ދައްކަން ޖެހޭނެ އެވެ. 

މިއިން އެއްވެސް ހާލަތެއްގައި، ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި 200،000ރ. ލުއި ފްލެޓުވެރިންނަށް ނުލިބެ އެވެ.