ހިޔާ ފްލެޓުގެ ފިނިޝިންއަށް ދޭން ވައުދުވި 200,000 ރުފިޔާ އޮޅުވާލައި, ކުލިން ކަނޑައިދެނީ 110,544 ރުފިޔާ

ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ޚަރަދުވި 200,000 ރުފިޔާ ކޮންމެ ފްލެޓަކަށްވެސް ދެއްވާނެކަމަށް ވިދާޅުވެ ވީ ވައުދު ޑރ. މުއިއްޒު އޮޅުވާލައްވައިފިއެވެ.

ދޮގާއި އޮޅުވާލުމުގެ ތެރެއިން ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެެރިކަމަށް ވަޑައިގެންނެވި ޑރ. މުއިއްޒު މިހާރު ގެންދަވަނީ އިންތިހާބު ކާމިޔާބު ކުރުމަށް ދެއްކެވި ވާހަކަތައް އޮޅުވާލަމުންނެވެ. އެގޮތުން އެންމެ ބޮޑު އެއް އޮޅުވާލުމަކީ ހިޔާ ފްލެޓުގެ ވެރިންނަށްވީ ވައުދެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ހިޔާ ފްލެޓުގެ މީހުންނާއި ބައްދަލުކޮށް މުއިއްޒު ވައުދުވެވަޑައިގެންފައިވަނީ އެޗްޑީސީން ލޯނު ނަގައިގެން, ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ކޮންމެ އާއިލާއަކަށް 200,000 ރުފިޔާ ދެއްވާނެކަމުގައެވެ. އެފައިސާއަކީ އެއީ ހިޔާ ފްލެޓްތައް ހެދުމަށް އެ އާއިލާތަކުން ކޮށްފައިވާ ޚަރަދުތަކުގެ ބަދަލުގައި ދެއްވާ ފައިސާއެއްކަމަށްވެސް ރިޔާސީ ކެމްޕޭންގައި މުއިއްޒު ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް, އިއްޔެގެ ކެބިނެޓް ބައްދަލުވުމަށްފަހު ރައީސް މުއިއްޒު އިއުލާން ކުރައްވާފައިވަނީ, ކެމްޕޭންގައި ވައުދުވިގޮތަށް ދެލައްކަ ރުފިޔާ ގަޑުކޮށް އާއިލާތަކަށް ނުދެއްވާނެކަމަށާއި, އެހެންނަމަވެސް އެފައިސާ ކުލިން ކެނޑޭގޮތަށް ހަޖައްސަވާ ދެއްވާނެ ކަމުގައެވެ

އެގޮތުން މުއިއްޒު ވިދާޅުވީ 7 އަހަރަށް ބަހާލައިގެން, ކޮންމެ މަހެއްގެ ކުލިންވެސް އެފައިސާ ކެނޑޭގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމުގައެވެ. ރައީސް ވިދާޅުވީ އެގޮތުން 7 އަހަރުވަންދެން ކޮންމެ މަހަކުވެސް އެފައިސާ ކެނޑުމުން, ކޮންމެ ފްލެޓަަކަށްވެސް މަހަކު ދައްކަން ޖެހޭނީ މިހާރު ދައްކާ 5,300 ރުފިޔާގެ ބަދަލުގައި 3،984 ރުފިޔާ ކަމުގައެވެ.

އެހެންނަމަވެސް ރައީސް މި އިއުލާން ކުރެވި ހިސާބަށް ބަލާއިރު, މަހަކު 3،984 ކުލީގެ ގޮތުގައި 7 އަހަރަށް ދެއްކުމުން މުޅިއެކު ކޮންމެ ފްލެޓަކުންގެ އުނިވެގެން ދަނީ 110,544 ރުފިޔާއެވެ. އެ އަދަދަށް ބަލާއިރު, ދެލައްކަ ރުފިޔާ ހަމަކުރުމަށް ކޮންމެ ފްލެޓަކަށް ސަރުކާރުން އަދިވެސް 89,456 ރުފިޔާ ދޭން ޖެހެއެވެ. 

”ދިޔަވަރު އޮންލައިން“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މި ހިސާބުތައް އިއުލާން ކުރެއްވީ އޭގެ ސައްހަކަން އަމިއްލަފުޅަށް ވަޒަން ނުކުރައްވާ, އެމަނިކުފާނުގެ ސީނިއަރ އެޑްވައިޒަރު އަބުދުއްރަހީމް ޖެއްސެވި ހިސާބުތަކަށް އިތުބާރު ކޮށްގެންނެވެ. އެއީ އަބުދުއްރަހީމްއަކީ މި ބާވަތުގެ އުދަގޫ ހިސާބުތައް މޮޅަށް ޖައްސަވަން ކުޅަދާނެ ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެވަޑައިގެންފައިވާ ބޭފުޅަކަށް ވާތީއެވެ.

އެހެންނަމަވެސް ރައީސް ދެއްވަން ވައުދުވި 200,000 ރުފިޔާ ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކަށް ދެއްވުމުގެ ބަދަލުގައި, ވެވަޑައިގެންނެވި ވައުދާ ޚިލާފްވި ތާގައި, ސަރުކާރުން މިވަނީ މުޅި މައްސަލަ ހިސާބު އަކުރުން އޮޅުވާލުމަށްފަހު, ވީ ވައުދާ އެއްގޮތަށް ފައިސާ ދިނުމަށް އިންކާރުކޮށްފައެވެ.