އައްޑޫ ގޭންގު މާރާމާރީގައި ހައްޔަރު ކުރި މީހުން ދޫކޮށްލަން ގައްސާނު އަންގައިފި

އައްޑޫގައި މިހާރު ހިންގަމުން އަންނަ ގޭންގު މާރާމާރީގައި ފުލުހުން ހައްޔަރުކުރި މީހުންތައް ދޫކޮށްލުމަށް ޑިފެންސް މިނިސްޓަރ ގައްސާނު މައުމޫން އަންގައިފިއެވެ.

ގައްސާނު މިގޮތަށް އެންގީ މާރާމާރީ އާއި ގުޅިގެން ހައްޔަރު ކުރި މީހުންނަކީ އެކަމާއި ގުޅުން ހުރި ބައެއް ނޫންކަމަށް ބުނެއެވެ. ފުލުހުން ހައްޔަރުކޮށްފައިވާ ބައެއް މީހުންނަކީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ހޮވުމަށް އެންމެ ގަދަކޮށް މަސައްކަތް ކުރި މީހުންނެވެ. އެމީހުން ވަނީ ގައްސާނު އާއި އެކު އައްޑޫގައި ބުރަ ކެމްޕެއިން ތަކެއްކޮށްފައެވެ.

ފުލުހުން ބުނީ އައްޑޫގައި ގޭންގު މާރާމާރީ ފެށިފައިވަނީ ދެ ގްރޫޕެއްގެ މެދުގައި ގްރެފިޓީއަަކަށް ގެއްލުން ދިނުމާއި ގުޅިގެންއެވެ. މާރާމާރީގައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފަ އެވެ. ޒަހަމްވި މީހާ އަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާ އަށް މިހާރު ވަނީ މާލެ ގެނެސްފަ އެވެ. އޭނާ އަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގަ އެވެ.

މާރާމާރީއާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފައިވާއިރު އިއްޔެ ވެސް އައްޑޫގައި އިތުރު މާރާމާރީއެއް ހިނގި އެވެ. އެ މާރާމާރީ ހިނގާފައި ވަނީ ގެޔަކަށް ވަދެ މީހެއްގެ ބަނޑަށް ވަޅި ހަރައިގެންނެވެ. ރޭގެ މާރާމާރީގައި އަނިޔާވީ 20 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މާލޭގައި ވެސް މި ދުވަސްވަރު އަންނަނީ މާރާމާރީތައް ހިންގަމުންނެވެ. މާލޭގައި ހިންގި މާރާމާރީތަކުގައި މީހަކަށް ބޮޑު އަނިޔާއެއް ނުވެ އެވެ. ނަމަވެސް، ތިން ޒުވާނަކު ވަނީ އެ މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފަ އެވެ.

މާލެ އާއި އައްޑޫގައި ހިންގި ގޭންގު މާރާމާރީތަކާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ހާއްސަ މަސައްކަތެއް ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ