
ޔޫއޭއީގައި މިހާރު ކުރިއަށްދާ ކޮޕް-28 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުވެވަޑައިގެންނެވި ދުނިޔޭގެ ބައެއް ލީޑަރުންނާ އެކު އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކާއި ފޮޓޯތައް ހިމެނޭގޮތަށް ކޮށްފައިވާ ބައެއް ޓްވީޓުތައް ރައީސް އޮފީހުގެ ރަސްމީ އެކައުންޓުން ޑިލީޓު ކޮށްފި އެވެ.
އިއްޔެ އާއި މިއަދު ހިމެނޭހެން އެ ސަމިޓުގެ ހަވާސާގައި ރައީސް މުއިއްޒު ވަނީ ގިނަ އަދަދެއްގެ ބޭފުޅުންނާ ބައްދަލުވެވަޑައިގެން ސަލާމް ކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. ރަސްމީ ބައްދަލުވުންތަކުގެ އިތުރުން އެމަނިކުފާނު ގިނަ އަދަދެއްގޭ ބޭފުޅުންނަށް ތައާރަފުވެވަޑައިގެން ފޮޓޯ ނަންގަވާފައި ހުއްޓެވެ.
އަދި, އެ ފޮޓޯތައް ރައީސް އޮފީހުން ހިއްސާކޮށްފައި ވަނީ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެއްވި ކަމަށް ހާމަކުރަމުންނެވެ. ނަމަވެސް, މަޝްވަރާތަކުގެ އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައި ނުވެ އެވެ.
އެކަމާ ގުޅިގެން އާންމުންގެ ގިނަ ފާޑުކިޔުންތަކެއް ވެސް ރައީސް އޮފީހަށް އަމާޒުވެފައިވާއިރު ބައެއް ޕޯސްޓުތަކަށް ކޮށްފައިވާ ރިޕްލައިތައް ވެސް ފޮރުވާފައި ހުރިކަން ވަނީ ފާހަގަވެފަ އެވެ.
އެގޮތުން, އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ އާއި އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ އަދި އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީއާ އެކު ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށް ކުރި ފުރަތަމަ ޓްވީޓު ވަނީ ޑިލީޓުކޮށްފަ އެވެ.
އެ ޓްވީޓުގައި ބުނެފައިވަނީ ކޮޕް-28 ސަމިޓާ އެކު ރާއްޖެ އާއި ދޭދޭ ގައުމުތަކާ ދެމެދު އޮތް ގުޅުންތައް އިތުރަށް ރަނގަޅުވެފައިވާ ކަމަށެވެ. އަދި, އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް އަދި މިހާރު އެ ގައުމުގެ ކްލައިމެޓް އެންވޯއި ޖޯން ކެރީގެ މަގާމެއްގެ ގޮތުގައި ޖަހާފައި އޮތީ ފޮރިން މިނިސްޓަރު އޮފް އެމެރިކާ ކަމަށެވެ.
އެއަށްފަހު, އެ ޓްވީޓު ކޮށްފައިވަނީ ދިވެހި ބަހުންނެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ކުރި ޓްވީޓު ޑިލީޓު ކުރުމަށް ފަހު އަލުން ކޮށްފައިވާ ޓްވީޓުގައި އެ ބައްދަލުވުމާ ގުޅޭ ބައެއް އިތުރު މައުލޫމާތު ހިއްސާކޮށްފައިވެ އެވެ. އެގޮތުން, ދެ ގައުމުގެ ރައްޔިތުންނަށް މުހިންމު ކަންކަމާއި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ހާމަކޮށްފައިވެ އެވެ.
އޭގެއިތުރުން ވެސް ކޮށްފައިވާ ބައެއް ޓްވީޓުތައް ވަނީ ޑިލީޓުކޮށްފަ އެވެ. މިކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ރައީސް އޮފީހަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.