ބަދުއަޚްލާގީ މައްސަލައަކުން ފަރުހާދު ފިކުރީގެ ދަރިފުޅު ސަލާތްކުރި ގޮތުގެ ވާހަކަ!

ރައީސް ޑރ. މުހައްމަދު މުއިއްޒު ފުލުސް އޮފީސް ވަގުތީގޮތުން ހިންގުން ހަވާލުކުރައްވާފައިވާ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ ދަރިފުޅުގެ މައްޗަށް ތުހުމަތު ކުރެވޭ ބަދުއަޚްލާގީ މައްސަލައިން ދަރިފުޅު ސަލާމަތްކުރުމަށްޓަކައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ހެކި ނައްތާލާފައިވާކަން ހާމަވެއްޖެއެވެ.

އަޅުގަނޑުމެން މި ޚަބަރު މިގެނެސްދެނީ މިކަމުގެ ފުރިހަމަ ހެއްކާއެކުއެވެ. ތިރީގައި މި ޚަބަރުގެ ތަފްސީލު އެވަނީއެވެ.

މިއީ 2014 އޭޕްރީލް ހަތް ވަނަ ދުވަހު މއ. ނޫމަސް ގެސްޓް ހައުސްގެ ރޫމް ނަންބަރު 102 ގައި އެ ކުއްޖާއާ ގަދަކަމުން ޖިންސީ ގޮތުން ބެހި، އެ ކުއްޖާގެ ބަރަހަނާ ފޮޓޯ ނެގި މައްސަލައެކެވެ.

ޕީޖީ އޮފީހުން ފުލުސް އޮފީހަށް ފޮނުވި ސިޓީއެއްގެ ކޮޕީ އަޅުގަނޑުމެންނަށް ވަނީ ލިބިފައެވެ. އެ ސިޓީގައިވާގޮތުން އެ އޮފީހަށް އެ މައްސަލަ ލިބުނުއިރު، އެ މައްސަލައިގައި ހަމައެކަނި ތުހުމަތުކޮށްފައި ވަނީ 17 އަހަރުގެ ފިރިހެން ކުއްޖަކަށް އެކަންޏެވެ.

އެ މައްސަލައިގައި އެ ކުއްޖާގެ މައްޗަށް ވަނީ ބަދުއަޚްލާގީ އަމަލު ހިންގުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އުފުލާފައެވެ.

ފަރުހާދު ފިކުރީގެ ދަރިފުޅުގެ ވާހަކަ މިއޮތީ؟

އެ މައްސަލައިގައި ދައުވާކުރުމަށްފަހު ޕީޖީ އޮފީހުން އެ މައްސަލަ އިތުރަށް ދިރާސާކޮށް ބެލިބެލުމުން އެކަމުގައި އިތުރު މީހެއްގެ ބައިވެރިވުން އޮތްކަން އެނގުނެވެ. އެ މައްސަލައިގައި ދެން ތުހުމަތު ކުރެވެނީ ފަރުހާދު ފިކުރީގެ ދަރިފުޅު މުހައްމަދު ފައުޒާން ފަރުހާދަށެވެ.

ތަހުގީގުގައި ފުލުހުން ސުވާލުކުރުމުން ފަރުހާދު ފުކުރީގެ ދަރިފުޅު ވަނީ އެ އަންހެން ކުއްޖާގެ ބަރަހަނާ ފޮޓޯ އޭނާގެ ފޯނުން ނެގި ކަމަށް އިއުތުރާފުވެފައެވެ.

ދެން ހެދީ ކިހިނެތް؟

ޝަހީދު ހުސައިން އާދަމް ބިލްޑިންގްގެ އެންމެ މަތީ ފަންގިފިލާގައި ހުންނަ ކޮޓަރިއެއްގައި، އޭރު އަޕާ ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރު ކަމުގައި ހުންނެވި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މަހުދީ ޝިހާދު މުހައްމަދު (ސާވިސް ނަންބަރު 3145)އާ ފަރުހާދު ފިކުރީ ބައްދަލުކުރެއްވިއެވެ. މަހުދީއާ ބައްދަލުކޮށް އޭނަ ލައްވައި އެ ފޯނުގައި ހުރި ބަރަހަނާ ފޮޓޯތައް ފަރުހާދު ފިކުރީ ޑިލީޓް ކުރުވީއެވެ. ދެން އޭނާ ވަނީ އެ ފޯނު އަތުލާފައެވެ.

އެއަށްފަހު ފަރުހާދު ފިކުރީގެ މޭޒުގެ ވަތްގަނޑުގައި އެ ފޯނު ބޭއްވިއެވެ. އޭގެފަހުން މައްސަލަ ތަހުގީގުކުރާ އައިއޯ ފަރުހާދު ފިކުރީ ކައިރީ އެދުމުން ވަނީ އެ ފޯނު އޭނައާ ހަވާލުކޮށްފައެވެ. މިކަންކަމަށް އެއްބަސްވެ ފަރުހާދު ފިކުރީ ވަނީ ފުލުހުންނަށް ބަޔާނެއް ވެސް ދީފައެވެ.

ޕީޖީ އޮފީހުން ފުލުސް އޮފީހަށް ފޮނުވި ސިޓީގައި ވަނީ އެކަންކަމާ ގުޅިގެން ފަރުހާދު ފިކުރީއާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދިފައެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން ވަނީ ފުލުހުންގެ މުއައްސަސާގެ ގަދަރާއި ކަރާމާތް ހިފެހެއްޓުމުގެ ގޮތުން ފަރުހާދު ފިކުރީ ވަޒީފާއިން ވަކިކުރައްވާފައެވެ. ނަމަވެސް ކޯޓަށް މައްސަލަ ހުށަހަޅައިގެން ނުފޫޒުގެ ތެރެއިން ފަރުހާދު ފިކުރީ ވަނީ ވަޒީފާ ހޯދަން މަސައްކަތް ފަށައިފައެވެ.

ރައީސް މުއިއްޒު ވަނީ ފުލުސް އޮފީސް ހިންގުން ފަރުހާދު ފިކުރީއާ ހަވާލުކޮށްފައެވެ. އަދި ވަރަށް އަވަހަށް އޭނާއަށް ޕްރޮމޯޝަންދީ ޑެޕިއުޓީ ކޮމިޝަނަރަކަށް ބަދަލުކުރަން ވެސް ރައީސް މުއިއްޒުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ވެރިކަމަށް ވަޑައިގަތުމަށްފަހު ތަންތަނުގެ ވެރިކަންނަށް އައްޔަން ކުރައްވާނީ ތެދުވެރި، ނަޒާހާތްތެރި، އިޚްލާސްތެރިން ކަމަށް ކެމްޕޭން ތެރޭގައި ރައީސް މުއިއްޒު ވައުދުވެވަޑައިގަތަސް އެއީ ރައްޔިތުން ގުނބޯ ހައްދައިގެން ވޯޓު ހޯދުމަށް ދެއްކި ވާހަކައެއްކަން މިހާރު މި އަންނަނީ ސާބިތުވަމުންނެވެ.

ދިވެހި ރައްޔިތުން އެބަޔަކަށްޓަކައި ފަޚްރުވެރިވާ ދިވެހި ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލަނީއެވެ.