
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވުޒާރާތާކަށް ނައިބު ވަޒީރުން އައްޔަންކުރަމުންދާއިރު، އެ މީހުންގެ އަދަދާއި މައުލޫމާތުތައް ރައީސް އޮފީހުން އާންމުކުރަމުން ނުދާތީ އެކަމުގެ ތަފްސީލުތައް އެނގުމުގައި ދަތިތަކާ ކުރިމަތިވެއްޖެ އެވެ.
ވުޒާރަތަކަށް އައްޔަންކުރަމުންދާ ނައިބު ވަޒީރުންގެ މައުލޫމާތު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މަގާމުތަކަށް އައްޔަނުކުރި މީހުންނަށް އާންމުން ވެސް ދަނީ މަރުހަބާ ކިޔަމުންނެވެ. އޭގެ އިތުރުން, އެފަދަ މީހުން ވެސް ވަނީ މަގާމަށް އައްޔަނު ކުރުމާ ގުޅިގެން ރައީސް މުއިއްޒުއަށް ޝުކުރު އަދާކޮށް ޕޯސްޓުތައް ހިއްސާކުރަމުންނެވެ.
އެތައް ބަޔަކު މަގާމުތަކަށް އައްޔަނު ކޮށްފައިވީ ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުގައި މިހާތަނަށް އާންމުކޮށްފައިވަނީ ފޮރިން މިނިސްޓްރީއަށް އައްޔަންކުރި ނައިބު ވަޒީރެއްގެ މައުލޫމާތު އެކަންޏެވެ.
މި މައްސަލާގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ވަޒީރު އިބްރާހީމް ހަލީލުއާ މިއަދު ސުވާލުކުރުމުން ވިދާޅުވީ ނައިބު ވަޒީރުން އައްޔަންކުރައްވަމުން ގެންދަވާ ވަރަކަށް މައުލޫމާތު އާންމު ކުރައްވާނެ ކަމަށެވެ.
"އައްޔަންކުރުމާ ފޮޓޯ ނެގުމާ އެކަމުގައި އުޅެނީ، އައްޔަނު އަދި ނުކުރޭ އެހާ ގިނަ ބަޔަކު، ބައެއް ކަހަލަ އިދާރީ މަސައްކަތްތައް ކުރެވެމުންދަނީ," މި މައްސަލާގައި "އަދަދު" އަށް މައުލޫމާތު ދެއްވަމުން އިއްޔެ ހަލީލު ވިދާޅުވި އެވެ.
ހަލީލު މިހެން ވިދާޅުވި ނަމަވެސް، ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ނައިބު ވަޒީރުންގެ ލިސްޓުގެ އިތުރުން އެތައް ބަޔަކު ސޯޝަލް މީޑިއާގައި ދަނީ އެކަން ހާމަކުރަމުންނެވެ. އޭގެ ތެރޭގައި ޔޫތު މިނިސްޓްރީގެ ނައިބު ވަޒީރުންގެ މަގާމަށް އައްޔަންކުރެއްވި، ކުރީގެ މާލެ ސިޓީ ކައުންސިލްގެ މީޑިއާ ޓީމުގެ ދެ މީހުން ކަމަށްވާ މަލްޝާ ޝަރީފު އަދި މަރިޔަމް ޝިއުނާ ހިމެނެ އެވެ.
އޭގެއިތުރުން އިސްލާމިކް މިނިސްޓްރީގެ ނައިބު ވަޒީރަކަށް އަލީ އަހުސަން، ހޯމްލޭންޑު މިނިސްޓްރީގެ ނައިބު ވަޒީރަކަށް އަމާނީ މުހައްމަދު ވަނީ އައްޔަނުކޮށްފަ އެވެ. ނަމަވެސް, މިއިން އެއްވެސް މީހެއްގެ މައުލޫމާތެއް ރައީސް އޮފީހަކުން އާންމުކޮށްފައެއް ނުވެ އެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ވަނީ އެއްވެސް ކަމެއް ނުފޮރުވާނެ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެންގެ ސަރުކާރު ވެގެންދާނީ އެއްވެސް ކަމެއް ނުފޮރުވާ ސަރުކާރަކަށް. ފޮރުމުގެ ބޭނުމެއް ވެސް ނެތް. ކޮން ކަމެއްތޯ ފޮރުވަން އޮތީ. ރައްޔިތުންނަށްޓަކައި ހިދުމަތް ކުރަން ސަރުކާރެއް ހޮވީމައި ދެން ފޮރުވަން ޖެހޭ ކަމެއް ނޯންނާނެ," ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ނޮވެމްބަރު 15, 2023 ގައި ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.