ސިޔާސީ ޓްރާންސްފާ މާކެޓު: މާބޮޑު ތަރުހީބެއް ނެތް!

މިއީ ރާއްޖޭގެ ސިޔާސީ ޓްރާންސްފާ މާކެޓުގެ އެންމެ ފޯރިގަދަ ދުވަސްވަަރެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ހާފް ނިމި ދެވަނަ ހާފަށް ތައްޔާރުވާއިރު ފައިނަލްގައި އޮތް ދެ ޓީމުންވެސް އަންނަނީ އިތުރު ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަ ކުރަމުންނެވެ. އެގޮތުން މިހާރު ފައިނަލްގައި އޮތް އެމްޑީޕީ އާއި ޕީއެންސީއިން ވެސް އަންނަނީ ޓްރާންސްފާ މާކެޓުގައި އިތުރު ސިޔާސީ މީހުންގެ ތާއިދު ހޯއްދަވަމުންނެވެ.

ސިޔާސީ މައިދާނުގައި ފާއިތުވި ހަފްތާއަކީ ބޮޑެތި ޓްރާސްފާތައް ހިނގި ހަފްތާއެކެވެ. އެގޮތުން ފުރަތަމަ ބުރުން ނާކާމިޔާބީ އާއ ކުރިމަތިވި މޯލްޑިވްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު ކާނަލް ނާޒިމް ވަނީ ޕީއެންސީ އާއި ގުޅިފައެވެ. އޭނާ އާއި އެކު އެޕާޓީގެ ގިނަ މީހުން ދިޔައީ ޕީއެންސީއަށެވެ.

ޖުމްހުރީ ޕާޓީގެ ތާއިދު ލިބޭތޯ ޕީއެންސި އާއި އެމްޑީޕީން މަސައްކަތް ކުރި ނަމަވެސް ގާސިމް ނިންމެވީ ވަކިކޮޅެއް ނުނެގުމަށެވެ. ނަމަވެސް އެޕާޓީގެ މެމްބަރުން ބޭނުން ބަޔަކާއި ގުޅުމަށް ގާސިމް ހުޅުވާލިއެވެ. ގާސިމްގެ އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ކުރިން ޕީޕީއެމްގެ މަޖްލިސް މެމްބަރުންނާއި ވަޒީރުން ގޮސް ގުޅުނީ ޕީއެންސީ އާއި އެވެ. ބާކީ ތިއްބެވީ ޕީޕީއެމްގެ ވެރިކަމުގައި ވަރަށް އަނިޔާ ލިބުނު މީހުންނެވެ. އެމީހުންގެ ހިތަށް ކެތް ނުކުރެވިގެން ފާއިތުވި ދެދުވަހު ވަނީ އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބޫއަށް ތާއިދުކޮށް އެޓީމާއި ގުޅިފައެވެ.

ސިޔާސީ ޓްރާންސްފާ މާކެޓު ހުޅުވިފައިވާ އިރު މިފަހަރުގެ ތަފާތަކީ އަލަށް ޓީމުތަކާއި ގުޅުނު ސިޔާސީ މީހުންގެ މާބޮޑު ތާއިދެއް ނެތުމެވެ. އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ އެންމެން ދަންނަ ފެއިލިއަރުންނެވެ. އެހެންވެ އެމީސް މީހުންގެ ސަބަބުން ދެކޮޅަށްވެސް މާބޮޑު ފައިދާއެއް ނެގޭތަނެއް ނުފެނެއެވެ. ނަމަވެސް ބެންޗުން ކުޅުވައިގެން ކޮންމެވެސް ވަރެއް ކުރެވިދާނެއެވެ.

ހާއްސަކޮށް އިލްހާމް އަހުމަދު އާއި ނިހާން ހަސަން މަނިކު ފަދަ ބޭބޭފުޅުންނަކީ ދުލެއް ދެއްވާފައިވާ ދެބޭފުޅުންނެވެ. އެ ދުލުން އެމީހުން ކޮންމެ ފަދަ ވާހަކަތަކެއްވެސް ދައްކަފާނެއެވެ. އެހެންވެ އެވާހަކަތަކުގައި ޖެހި ކޮންމެ ވެސް ވަރެއްގެ ވޯޓެއް ދެ ޓީމަށްވެސް ލިބުމުގެ ފުރުސަތު އެބައޮތެވެ.