ކުރީ ސަރުކާރަށް ކުރި ތުހުމަތުތަކުގެ އިންކުއަރީއެއް ހަދަން އެދެފި

ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ސިޔާސަތުތަކާ ގުޅިގެން ގައުމީ ސަލާމަތަށް އަސަރުކުރާ ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުގެ ދެއްކި ވާހަކަތަކުގެ ހަގީގަތް ދެނެގަނެ ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހަދަން ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްމުޣުނީ ހުށަހެޅުއްވި ގަރާރުގައި ބުނެފައިވާ ގޮތުގައި، އިބޫ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމާފައިވާ ނިންމުންތަކާއި ބޭރު ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ގައުމީ ސަލާމަތާއި ސިޔާދަތަށް އަސަރު ކޮށްފައިވާ ކަމަށް އެކި ފަރާތްތަކުން ތުހުމަތުކުރެ އެވެ.

މި ތުހުމަތުތަކާ ގުޅިގެން ރައްޔިތުން އެކަންކަމާ ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ތެދު ހަގީގަތް ހާމަކުރުމަށް ރައްޔިތުން ގޮވާލަމުންދާ ކަމަށާއި މި ކަމުގެ ހަގީގަތް ދެނެގަނެ ރައްޔިތުންނަށް ހާމަކުރުމަކީ ރާއްޖޭގެ ހަމަޖެހުމަށާއި މަސްލަހަތު ހިމާޔަތްކުރުމަށް މުހިންމު ކަމެއް ކަމަށް ބުނެފައިވެ އެވެ.

ތަހުގީގުކޮށްދޭން އެދުނު މައްސަލަތަކުގެ ތެރޭގައި ރާއްޖޭގައި ތިބި ކަމަށް ބުނާ ހަތިޔާރާ އެކު ތިބި އެތައް ހާސް ސިފައިންނާއި ޗާގޯސް މައްސަލައިގައި ރާއްޖެއަށް ގެއްލުންވާ ގޮތަށް ގޮތް ނިންމި ކަމަށާއި ކަނޑުން ބައެއް ވިއްކާލި ކަމަށް ބުނާ ވާހަކަތައް ހިމެނެ އެވެ.

ޕަބްލިކް އިންކުއަރީ ހަދަން މަޖިލީހަށް ހުށަހަޅަން އެމްޑީޕީން ފާސްކޮށްފައިވަނީ މިދިޔަ ހަފްތާ ބަންދުގައި އއ. އުކުޅަހުގައި ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ.