
ރައީސް އޮފީހަށް އަގުބޮޑު 20 ކާރުގަތުމަށް 140 މިލިއަން ރުފިޔާގެ ކޯޓޭޝަން ނަގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އާއި ރައީސް އޮފީހުގެ މިނިސްޓަރުންނާއި އެހެން ބައެއް ވަޒީރުންނަށް ބޭނުންވާ 20 ކާރު ގަތުމަށް ރައީސް އޮފީހުން ވަނީ ކޯޓޭޝަން ނަގަން ފަށާފައެވެ. މިހާތަނަށް ކޯޓޭޝަން ނަގާފައިވާ ކާރުތަކުގެ އަގު އުޅެނީ 7 މިލިއަން ރުފިޔާއަށެވެ.
ރައީސް އޮފީހަށް ގިނަ އަދަދެއްގެ ވަޒީރު ފެންވަރުގެ ބޭފުޅުން ވަނީ އައްޔަންކޮށްފައެވެ. ރައީސް މުއިއްޒު ނިންމަވާފައިވަނީ ވަޒީރުންގެ އޮފީހާއި, ގެއައި އަދި ކާރުގައި ދިވެހި ދިދަ ޖެހުމަށެވެ.
ރައީސް ސޯލިހުގެ ސަރުކާރުން ރައީސް ދުއްވަން ކާރެއް ގަތުމަށް ކޯޓޭޝަން ނެގުމުން އޭރު އިދިކޮޅުގައި ތިބި މުއިއްޒު އާއި ޕީޕީއެމް ޕީއެންސީއިން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.
ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ރަށްތަކުގައި ހިންގަން ނިންމާފައިވާ މަޝްރޫއުތައް ހުއްޓާލަން ނިންމި ނަމަވެސް ރައީސް އޮފީހުން އަންނަނީ ވަރަށް ބޮޑެތި ހަރަދު ކުރަމުންނެވެ.