
މުސްލިމުންނަށް ހާއްސަކޮށް ބުރުގާ އަޅާ އަންހެނުންނަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރަމުން އައި ލުބްނާ ޒާހިރު ހުސެއިން ވައިކުޑައިގައި ޕީއެންސީއަށް ފުންމާލައި ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ ކަމުގެ މަގާމު އަތުލައިފިއެވެ.
ރިޔާސީ އިންތިހާބުގައި ގާސިމްއަށް އަދި އޭގެ ފަހުން ކާނަލް ނާޒިމު އާއި އެކު އުޅުމަށްފަހު ލުބްނާ މަގާމު އަތުލާފައިވަނީ ކާނަލް ނާޒިމް މެދުވެރިކޮށެވެ. އޭނާ އަކީ ސޯޝަލް މީޑިއާގައި ލާދީނީ ފިކުރު ފަތުރަން އުޅުނު ފަރާތެއްކަމަށް ބުނެ ސަލަފުން މިހާރު އަންނަނީ އެކަމާއި ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.
އެގޮތުން މުއިއްޒު އަކީ "ސާފު ހުދުފޮތިކޮޅެއް" ކަމަށް ރައްޔިތުންނަށް ދައްކަމުން ދިޔަ ސަލަފު ޖަމިއްޔާގެ އިސް ފަރާތެއްކަމަށްވާ އަލީ ރަމީޒުވެސް ވަނީ ލުބުނާއަށް ބޮޑު މަގާމެއް ދިނުމާއި ދެކޮޅަށް ވާހަކަ ދައްކާފައެވެ.
ލުބްނާ ދީނުގެ ބައެއް ކަންކަމަށް ފުރައްސާރަކޮށް ކޮށްފައިވާ ޓްވީޓުތަކެއްގެ ސްކްރީންޝޮޓުތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައިވާއިރު ގިނަ ބަޔަކު އަންނަނީ އެކަމާ ގުޅިގެން އޭނާ އަށް ފާޑު ކިޔަމުންނެވެ.