
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޮޑު ތަފާތަކުން ކާމިޔާބުވެއްޖެ ކަމުގައި ބަލައި ކެމްޕެއިންގެ ހަރަކާތްތަކުން ރައީސް ޔާމީންގެ އަރިސް ބައެއް މީހުން އެއްފަރާތް ކުރަން ފަށައިފިއެވެ.
ޕީޕީއެމްގެ އިސް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޑރ. މުއިއްޒު ގެންދަވަނީ ބައެއް ރައީސް ޔާމީންގެ ސަޕޯޓަރުން އެެއްފަރާތް ކޮށް މުއިއްޒު ބޭނުންވާ މީހުން ކައިރި ކުރަމުންނެވެ. އެގޮތުން ޕީޕީއެމްގެ ބައެއް މަޖްލިސް މެމްބަރުންވެސް މިވަގުތު ތިބީ މުއިއްޒު އާއި ދުރައް ޖެހިފައެވެ.
"މިހާރު މިވަނީ 2024ގެ މަޖްލިސް ކެމްޕެއިން ފެށިފައި, މުއިއްޒު އާއި އޭނާގެ ޓީމުން ބޭނުމެއް ނުވޭ ބައެއް މީހުން ކެމްޕެއިންނާއި ކައިރި ކުރަން, އެއީ މަޖްލިސް އިންތިހާބަށް ފޯކަސް ކޮށްގެން, މުުއިއްޒު ބޭނުންވަނީ ބައެއް މިހާރު ތިއްބެވި މެމްބަރުން ބާކީކޮށް އެހެން ބަޔަކު އެތަނަށް ނެރެން, އެ މަސައްކަތް މިހާރުވެސް ފެށިއްޖެ"
އެނގިފައިވާ ގޮތުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތް އެ ދާއިރާއަކީ އޭދަފުށި ދާއިރާްއެވެ. އެދާއިރާގެ މިހާރުގެ މެމްބަރު ރެޑްވޭވް ސަލީމު ބޭރު ކުރުމަށް މިހާރުވެސް ޑރ. މުއިއްޒުގެ ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުންވެސް ޕީއެންސީގެ ސެނެޓުގައި ރިޔާސީ ޓިކެޓު ދިނުމަށް ބޭއްވި ވޯޓުގައި މުއިއްޒު އާއި ދެކޮޅަށް ވޯޓު ދެއްވި ފަރާތްތައް ވަނީ ކެމްޕެއިންއިން އެއްފަރާތް ކޮށްފައެވެ.
ޑރ. މުއިއްޒު ކެމްޕެއިން ހަރަކާތްތައް މުޅިންވެސް ރާވާފައިވަނީ ރައީސް ޔާމީންގެ އެންގެވުމަށް އެޕާޓީގެ ފަރާތުން ފިޔަވަޅު އަޅާފާނެކަމަށް ބަލައެވެ. އެގޮތުން ޗެނަލް 13ގެ އެހީ ނުލިބިދާނެ ކަމަށް ބަލައި "މުއިއްޒު ޓީވީ" ނަމުގައި ވަނީ ވަކި ސޯޝަލް މީޑިއާ ޗެނެލް އެއް ހަދާފައެވެ. އަދި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ ކޮންޓްރޯލްވެސް ޑރ. މުއިއްޒު އާއި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް ވަނީ ނަގާފައެވެ.